ރާއްޖެ ޓީވީގެ ދެ ނޫސްވެރިއެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމުގައި އެ ސްޓޭޝަނުން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އަދި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން ދައުވާކޮށް، ދެ ނޫސްވެރިން ކޯޓަށް ހާޒިރުވުމަށް މިހާރު ވަނީ އަންގާފަ އެވެ.

ވިސާމްގެ މައްޗަށް އުފުލާފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމާ ފުލުހެއްގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ލީވާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.

އެކަމާ ގުޅިގެން ރާއްޖެ ޓީވީ އިން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް ދައުވާ އުފުލުމަކީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެއުމުގެ ބަދަލުގައި، އަދި ނޫސްވެރިންގެ އަޑު އެހުމުގެ ބަދަލުގައި ނޫސްވެރިން އޮބަހައްޓައި ބިރުދައްކަން ކޮށްފައިވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެއީ ނޫސްވެރިން އެ މީހުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކުގެ ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ބިރުދައްކައި، އެ ވާހަކަތައް ދެއްކުން ހުއްޓުވުމަށް ކޮށްފައިވާ ދައުވާއެއް ކަމުގައިވެސް އެ ސްޓޭޝަނުގެ ބަޔާނުގައިވެ އެވެ.

"ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދަނިކޮށް ހައްޔަރުކޮށް، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމާއި ފުލުހެއްގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރުމަކީ ނޫސް ވެރިކަމަށް ދެވުނު ހަމަލާއެއް ކަމުގައި މި ސްޓޭޝަނުން ދެކެމެވެ." ރާއްޖެ ޓީވީގެ ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީން ވަނީ ވިސާމް އަދި ލީވާންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސް ނޫސްވެރިންގެ ހިމާޔަތުގައި ތެދުވެވަޑައިގަތުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމަށް ގޮވާލާފަ އެވެ.

އޭގެ އިތުރުން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ އިތުރުން، ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާ އަށް ވެސް ވަނީ ގޮވާލާފަ އެވެ.