08 Apr 2016, 20:27
ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލައި "ހަމަހިމޭން ހިނގާލުމުގެ"ނަމުގައި ރާއްޖޭގެ ނޫސްވެރީން ސުލްހަވެރިކަމާއެކު މާލޭގައި މިއަދު އިހްތިޖާޖު ކޮށްފި އެވެ. ހަމަނުޖެހުމެއް ނެތި، ޝުއޫރުފާޅުކުރުންތަކާއެކު ކުރިއަށް ގެންދިޔަ އިހްތިޖާޖު މާލޭގެ މަގުތަކަށް ނުކުމެ ކުރިއަށް ގެންދަން ފުލުހުން މިއަދު ފުރުސަތެއް ނުދެ އެވެ.
މިއަދު ހަވީރު 4:30 ގައި އާޓްފިޝަލް ބީޗު ސަރަހައްދުން ހިނގާލުން ފެށުމަށް ނިންމާފައިވިޔަސް ފުލުހުން ވަނީ ހިނގާލުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ބުނެ ހިނގާލުމަށް ހުރަސް އަޅާފަ އެވެ.
ހަމަހިމޭން ހިނގާލުމުގައި ނޫސްވެރިން ޝުއޫރު ފާޅުކުރަނީ. ފުލުހުން ވަނީ ނޫސްވެރިންގެ ހިނގާލުމަށް ހުރަސް އަޅާފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
އާޓްފިޝަލް ބީޗު ސަރައްދު މަޖީދީމަގު، އިރުމަތީ ފަރާތުގައި ތިބުމަށްފަހު، މަޖީދީމަހުން ހުޅަނގަށް ހިނގައިގަތުމާއެކު، މަޖީދީމަގުން ކުރިއަށް ނުދެވޭނެ ގޮތަށް ފުލުހުންގެ ސަފުތަކެއް އަތުރާލި އެވެ. ނަމަވެސް މަޖިލީދީމަގު ހެންވޭރު ދަނޑާ ހިސާބަށް ކުރިއަށްދާން ފުރުސަތު ދިނެވެ. އެއަށްފަހު ބެރިކޭޑު ޖަހައި ނޫސްވެރިންނަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް މަގު ބަންދުކުރި އެވެ.
މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ބައިވެރިވި ހިނގާލުން، ހެންވޭރު ދަނޑު ކައިރިން ހުއްޓުވުމުން، ނޫސްވެރިން ޝުއޫރުފާޅުކޮށްފައި ވަނީ މަގުމަތީގައި އިށީނދެ ތިބެގެންނެވެ.
ނޫސްވެރިންގެ ހަމަހިމޭން ހިނގާލުމަށް ފުލުހުން ހުރަސް އެޅުމުން، ނޫސްވެރިން ޝުއޫރުފާޅުކޮށްފައި ވަނީ ބިންމަތީގައި އިށީނދެގެން ތިބެގެން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ނޫސްވެރިކަމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވާނެ ބިލެއް ކަމުގައިވާ"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"އާ ގުޅޭގޮތުންނެވެ. އެގޮތުން އެ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ދިވެހި ނޫސްވެރިން ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށް ނޫސްވެރީން ތައްޔާރުކޮށްފައިވާ ޕެޓިޝަން ވެސް މިއަދު ހިނގާލުމުގައި ވަނީ އިއްވާފަ އެވެ.
ހަމަހިމޭން ހިނގާލުމުގައި ނޫސްވެރިން ޝުއޫރު ފާޅުކުރަނީ. ފުލުހުން ވަނީ ނޫސްވެރިންގެ ހިނގާލުމަށް ހުރަސް އަޅާފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުاللهގެ މައްސަލައިގެ ތަހުގީގު އަވަސްކޮށް، ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމާއި މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި ހަމަލާތަކުގެ މައްސަލަތައް ތަހުޤީޤުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ.
ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޔާސީ މސައްކަތުގައި އުޅެފައިވާ މީހުން އައްޔަންކޮށްފައި ވާތީ، އެ ކޮމިޝަނުގެ މުސްތަގިއްލުކަމާ މެދު ސުވާލު ނުއުފެދޭނެ ގޮތަކަށް އެކަން އިސްލާހުކުރުމަށާއި ސަންގުޓީވީގެ އިކުއިޕްމަންޓްތައް ފުލުހުން ގެންގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެތަކެތި ރައްދުކޮށްފައިނުވާތީވެ، އެކަން އަވަސް ކޮށްދިނުމަށް ވެސް ޕެޓިޝަނުގައިވެ އެވެ.

ހަމަހިމޭން ހިނގާލުމުގައި ނޫސްވެރިން ޝުއޫރު ފާޅުކުރަނީ. މިއަދުގެ ހިނގާލުމުގައި ނޫސްވެރިން ތައްޔާރުކުރި ޕެޓިޝަން ވަނީ އިއްވާފައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން
ހަމަ އެއާއެކު، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ”އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް“ މަޖިލީހުން ބޭރު ކުރުމަށާއި ރާއްޖޭގައި ނެރެމުން އަންނަ އެންމެ ދުވަސްވީ ދުވަހު ނޫސް އަދި އޮންލައިން ކަމަށްވާ "ހަވީރު" ހުއްޓިފައި އޮތުމާ، ސަރުކާރުގެ އިވެންޓުތަކަށް މީޑިއާތައް ވެއްދުމުގައި ތަފާތުކުރުން ގެންގުޅުމާ، ޝަރީއަތްތަކަށް ބައެއް މީޑިއާތައް ނުވައްދާ މައްސަލަ ވެސް ހިމެނެ އެވެ.
ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި، އެ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ނުކުރުމަށް ވެސް ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ.
މިއަދުގެ ހިނގާލުން ހުއްޓާލީ އެ ޕެޓިޝަން އިއްވުމަށްފަހު އެވެ.