ވިޔަފާރީގައި ގެއްލުން ލިބެމުން އަންނަ، އެމެރިކާގެ ޓެކްނޮލޮޖީސް ކުންފުނި ޔާހޫ ގަތުމަށް ބިޑު ހުށަހެޅުމަށް، އިނގިރޭސި ނޫސް "ދަ ޑެއިލީ މެއިލް"ގެ ވެރިޔާ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޑެއިލީ މެއިލް ނޫހުގެ އޮފިޝަލަކު ބުނީ، މި އެކުއިސިޝަންގެ އެއްވެސް ކަހަލަ ޔަގީންކަމެއް މިވަގުތު ދެވެން ނެތް ކަމަށެވެ. ނަމަވެސް އެހެން ކުންފުންޏާކާ ގުޅިގެން ޔާހޫ ގަތުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.

ދުނިޔޭގެ ބޮޑެތި އިކޮނޮމިސްޓުންގެ ބަހަށް ބަރޯސާވެ، މަޝްހޫރު ނޫސް "ވޯލް ސްޓްރީޓް ޖާނަލް"އިން ބުނީ، އެހެން ކުންފުންޏަކުން ޔާހޫގެ ވެބް ވިޔަފާރި ގަންނާނެ ކަމަށް ބެލެވޭ އިރު، ޑެއިލީމެއިލް އިން ޔާހޫގެ ޚަބަރާއި މީޑިއާއާ ބެހޭ ބައިތައް ގަންނާނެ ކަމަށެވެ. ނުވަތަ ޔާހޫގެ ޚަބަރާއި މީޑިއާއާ ބެހޭ މުދާ، ޑެއިލީ މެއިލްގެ އެސެޓުތަކާ އެއްކޮށްލުމުގެ ފުރުސަތެއް ވެސް އޮވެދާނެ ކަމަށް ވޯލް ސްޓްރީޓު ޖާނަލްއިން ލަފާ ކުރެ އެވެ.

ޔާހޫ އިން ވިޔަފާރީގެ ފައިދާ އަލުން ޖައްސަން ފެށުމުގެ ގޮތުން މި އަހަރު އެ ކުންފުނީގެ 15 ޕަސަންޓު މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް ނިންމި އިރު، ޔާހޫ ކުންފުނި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިހިނގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބިޑު ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.