ފާއިތުވި 100 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ މިނިކާވަގުގެ އާބާދީ އިތުރުވެއްޖެ ކަމަށް ޖަނަވާރު ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނެފި އެވެ.

ވޯލްޑް ވައިލްޑް ލައިފް ފަންޑް [ޑަބްލިއުޑަބްލިއުއެފް]އާ ގްލޯބަލް ޓައިގާ ފޯރަމުން އެންމެ ފަހުން ހެދި ބޯހިމެނުމުން ދެއްކި ގޮތުގައި ދުނިޔޭގެ މިނިކާވަގުގެ އާބާދީ 3،890ށް އަރަ އެވެ. އެއާ އަޅާ ބަލާއިރު 2010ގައި މިނިކާވަގުގެ އާބާދީ އަކީ 3،200 އެވެ. ނަމަވެސް، 1900ގައި ދުނިޔޭގައި 100،000 މިނިކާވަގު ދިރިއުޅުނެވެ.

ޑަބްލިއުޑަބްލިއުއެފްގެ ޑިރެކްޓަރު ޖެނެރަލް މާކޯ ލަމްބާޓީނީ ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުމުން ދައްކަނީ "ސަރުކާރުތަކާއި، އާއްމުންނާއި، ޖަނަވާރު ހިމާޔަތް ކުރާ ފަރާތްތަކުން އެއްކޮށް މަސައްކަތް ކުރުމުން ޖަނަވާރުގެ އާއިލާތަކާއި އޭގެ ވެށި ސަލާމަތް ކުރެވޭނެ ކަން" ކަމަށެވެ.

އެދެ ޖަމްއިއްޔާ އިން މިނިކާވަގު އާބާދީގެ މައުލޫމާތު އާއްމުކޮށްފައި ވަނީ މި ހަފްތާ ތެރޭގައި ދިއްލީގައި އޮތް، މިިނިކާވަގު ދިރިއުޅޭ 13 ގައުމެއްގެ މިނިސްޓަރުންގެ ބައްދަލުވުމާ ދިމާކޮށެވެ. އެ ބައްދަލުވުމުގެ އަމާޒަކީ 2022 އަންނަންވާ އިރަށް މިނިކާވަގުގެ އާބާދީ ދެގުނަ އަށް އިތުރު ކުރުމެވެ.

ދުނިޔޭގެ މިނިކާވަގު އާބާދީގެ ދެބައި ކުޅަ އެއްބައި ދިިރިއުޅެނީ އިންޑިއާގަ އެވެ. އެންމެ ފަހުގެ ބޯހިމެނުމުން ލަފާކޮށްފައިވާ ގޮތުގައި އެ ގައުމުގައި 2،226 މިނިކާވަގު ދިރިއުޅެ އެވެ.

ކަޅު ބާޒާރުގައި މިނިކާވަގުގެ ބައިތައް ވިއްކުމަށް ޝިކާރަ ކުރުމުގެ ސަބަބުންނާއި ގައުމުތައް ތަރައްގީ ވަމުން ދިޔަ ވަރަކަށް ޖަނަވާރުން ދިރިއުޅޭ ގުދުރަތީ މާހައުލު ނެތިގެން ދިޔުމުގެ ސަބަބުން މިނިކާވަގަކީ މިހާރު ދުނިޔެ އިން ނެތިގެން ހިނގައި ދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކުގެ ތެރެއިން އެއް ޖަނަވާރެވެ. (ގާޑިއަން)