12 Apr 2016, 09:56
މާލެ އާއި ހުޅުލެއާ ދެެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު"ގެ މަސައްކަތް ކުރިއަށް ދަނީ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް ހައުސިން މިނިސްޓަރާއި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އީއައިއޭ ރިޕޯޓު ހަދާފައި ވަނީ ފީސިބިލިޓީ ސުޓޭޖުގައި އެއްކުރި މައުލޫމާތަށް ބެލުމަށް ފަހު ކަމަށެވެ.
"ބުރިޖު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ވޭވު ކޮންޑިޝަން ހުރި ގޮތުން ބާޖު ޕުލެޓު ފޯމެއް ބޭނުން ކޮށްގެން މާލެ ލޮނު ޒިޔާރަތްކޮޅު ސަރަހައްދުގައި ޕައިލް ޓްރައިޕް ކުރުމަށް ދަތިވާނެތީ ބުރިޖު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ އުތުރުން ވަގުތީ ޓްރަސްލް ބުރިޖެއް އަޅައިގެން މަސައްކަތް ކުރުމަށް ވަނީ އީއައިއޭ ރިޕޯޓުގައި ހުށަހަޅާފައިވީ ނަމަވެސް މި ޓްރަސްލް ބްރިޖުގެ ތަފްސީލްތައް ކަނޑައަޅާނީ މަޝްރޫއުގެ ކޮންޓެރެކްޓަރު ކަމަށްވާތީ ކޮންޓްރެކްޓަރު ހުށަހެޅުއްވި ތަފްސީލުތަކާ އެކު އީއައިއޭ އަށް އިސްލާހުތަކެއް ހުށަހަޅާ އެ އިސްލާހުތައް ވަނީ ފާސްކޮށްފައި،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރާ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަނީ--- މަޖިލިސް ފައިލް ފޮޓޯ
މިނިސްޓަރު މުއިއްޒު ވިދާޅުވީ "ވަރުނުލާ ރާޅުގަނޑު" ސަރަހައްދުގައި ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ އީއައިއޭ ރިޕޯޓާއި އެ ރިޕޯޓަށް ފަހު ގެނެސްފައިވާ އިސްލާހުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބުރިޖު މަޝްރޫއުގެ ދަށުން ރާޅުގަނޑު ސަރަހައްދުގެ އެއްވެސް ބައެއް ހިއްކުމަށް ނިންމާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށްތޯ ބެލުމަށް މިނިސްޓަރު މުއިއްޒާއި ސުވާލު ކުރައްވާފައިވާ އިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖްގެ މަސައްކަތް އީއައިއޭއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ އެ މައްސަލަ ވަނީ ކޮމެޓީން ބޭރުކޮށްލައިފަ އެވެ.