12 Apr 2016, 13:49
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫއުގައި ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް ކުރެއްވި ރަސްމި ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގައި މޯދީ ވިދާޅުވީ އައިހެވަން މަޝްރޫއު ފުޅާކުރުމަކީ ރާއްޖޭގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެކަމަށް އިންޑިއާ އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"އެ މަޝްރޫއުގައި ރާއްޖެއާ އެކު ޕާޓްނަޝިޕް ހެދުމަށް އިންޑިއާ އިން އޮތީ ތައްޔާރަށް،" މޯދީ ވިދާޅުވި އެވެ.
މޯދީ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދޭނެ ކަމަށާއި ކަނޑުގެ ސިފައިންގެ ހިދުމަތް ފުޅާ ކުރުމަށާއި ފުލުހުންގެ ޓުރެއިނިންތަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އައިހެވަން މަޝްރޫއުގައި ހިމެނޭ މައިގަނޑު ހަ ކަމަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އައިހެވަންގެ ފީސިބިލިޓީ ސްޓަޑީޒް ވަނީ ބޮސްޓަން ކޮންސަލްޓިން ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ފަރާތުން ވަނީ އެ ސަރަހައްދުގައި ތަރައްގީ ކުރެވޭނެ މަޝްރޫތަކުގެ ސުޓަޑީ ކުރިއަށް ގެންގޮސްފަ އެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުންތައް
- ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުގެ ދާއިރާ އިން ނެގޭ ޑަބަލް ޓެކްސް ދަށް ކުރުން
- ޓެކްސްއާ ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ހިއްސާ ކުރުން
- ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމާއި ރާއްޖޭގައި ސާވޭތައް ކުރިއަށް ގެންދިއުން
- ޓޫރިސްޒަމްގެ ދާއިރާ އިން ދެގައުމުން ކޯޕަރޭޓް ކުރުން
- އޯބިޓް ފުރެކުއެންސީ ކޯޑިނޭޓުކުރުން
- އަސްކަރީ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުން