12 Apr 2016, 19:46
އޭޝިއާގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ކަލިނަރީ މުބާރާތުގައި ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ،ޗެފް ގިލްޑް މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ސިންގަޕޫރު އެކްސްޕޯގައި ބާއްވާ "ފުޑް އޭޝިއާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖު 2016" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ޝެފް ގިލްޑް މޯލްޑިވްސްގެ ހަތަރު ބައިވެރިންނާއި ހަތަރު އޮފިޝަލުންނެވެ.
އެގޮތުން އެ ޓީމުގައި މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުން ވަނަތައް ހާސިލްކޮށްފައިވާ ބައެއް ފަރާތްތަކާއި ގައުމީ އެވޯޑް ހާސިލްކޮށްފައިވާ އަބްދުﷲ ސަބާހު ވާދަކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ޝެފް ގިލްޑް މޯލްޑިވްސް އިން ބުނާގޮތުން މިއީ ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގްވާމީ ކަލިނަރީ މުބާރާތެއްގައި ރާއްޖޭގެ ޓީމެއް މިފަދަ ގޮތަކަށް ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީސް (ޑަބްލިއުއޭސީއެސް) އާއި ސިންގަޕޫރު ޝެފްސް އެސޯސިއޭޝަން އަދި އޭޝިއާގެ ޝެފް އެސޯސިއޭޝަންތަކުގެ އެހީގައި މިއަހަރު ބާއްވާ އެފްއެފްއޭ ކަލިނަރީ ޗެލެންޖުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 800 އަށްވުރެ ގިނަ ބައިވެރިން ވާދަކުރަމުންގެންދެއެވެ.