ރާއްޖޭގައި އެންމެ ދުވަސްވީ ސިނަމާ "އޮލިމްޕަސް" ހިންގުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ހަވާލުކުރަން މަޝްވަރާކުރަމުންދާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ، ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕީއެސްއެމާ ގުޅިގެން އެމްއޯޔޫއެއްގެ ދަށުން އޮލިމްޕަސް ހިންގަން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އޮލިމްޕަސް ހިންގުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްލަން އެ މިނިސްޓްރީން އެންމެފަހުން ކުރި އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

ނަމަވެސް ޔޫތް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ހުސެއިން އަމީން ވިދާޅުވީ، ޕީއެސްއެމް އާ އޮލިމްޕަސް ހަވާލުކުރަށް ޔޫތް މިނިސްޓްރީން ބޭނުންވާތީ އެކަމުގެ މަޝްވަރާތަކެއް ދެ ފަރާތުގެ ދެމެދު ކުރަމުންދާ ކަމަށެވެ.

ނަމަވެސް، ދެ ފަރާތުގެ ދެމެދު އަދި އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ، އޮލިމްޕަސް ހިންގަން އަމިއްލަ ފަރާތަކަށްދޭން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އިއުލާން ކުރި އެވެ. ނަމަވެސް އެކަމަށް ކަމުދާ ހުށަހެޅުންތަކެއް ހުށަހަޅާފައި ނެތް ކަމަށް ބުނެ، އިއުލާންތައް ވަނީ ބާތިލްކޮށް، އެތައް ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.