13 Apr 2016, 15:24
އިންޑިއާ އަށް ހުޅަނގު މޫސުން އައުމުގެ ކުރިން ކޮންމެ އަހަރަކު ވެސް އާދަޔާ ހިލާފަށް ހޫނުވެ އެވެ. ނަމަވެސް މިފަހަރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަށް ހޫނުވަމުންދާ ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިސްޓުން ބުނެފި އެވެ.
އިއްޔެ އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގައި އާދަޔާ ހިލާފަށް ހޫނުގަދަ ވުމުގެ ސަބަބުން 24 މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ދެކުނުގައި އޮންނަ އޮރިއްސާ ސްޓޭޓުގެ ބުބަނޭޝްވަރުގައި އިއްޔެ ހޫނުމިން ހުރީ 45.8 ޑިގްރީ ސެލްޝިއަސްގައި ކަމަށާއި އެއީ ފާއިތުވި 30 އަހަރު ތެރޭގައި އެޝަހަރުން ރިކޯޑު ކުރެވުނު އެންމެ މަތީ ފިނިހޫނުމިން ކަމަށް އެގައުމުން ހާމަކުރި އެވެ.
އިންޑިއާގެ ދެކުނު ސަރަހައްދުތަކުގެ އިތުރުން އުތުރުގެ ސަރަހައްދުތަކުގައި ވެސް ހޫނުމިން 40 ޑިގްރީ ސެލްޝިއަސް އަށް ވުރެ މަތީގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބްރޯޑްކާސްޓް މީޓިއޮރޮލިޖިސްޓެއް ކަމަށްވާ ޕީޓާ ގިބްސް ވިދާޅުވި އެވެ.
އަދި މިދިޔަ އަހަރުގެ އެލްނީނޯގެ ސަބަބުން އިންޑިއާ އަށް ވާރޭ ވެހުނު މިންވަރު މަދު ކަމުން، މި އަހަރުގެ ހޫނު މޫސުމުގައި ހާލުގައި ޖެހުނު މީހުންގެ ނިސްބަތް ވަނީ އިތުުރުވެފަ އެވެ. އެލް ނީނޯ އަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެކެވެ. މިދިޔަ އަހަރުގެ އެލް ނީނޯ އަކީ ފާއިތުވި 15 އަހަރުތެރޭގައި ދުނިޔެ ތަޖުރިބާ ކުރި އެންމެ ވަރުގަދަ އެލްނީނޯ ކަމަށް ޔޫއެންގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރާ ހިލާފަށް މިއަހަރުގެ ހުޅަނގު މޫސުމުގައި އިންޑިއާއަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެގައުމުގެ މީޓިއޮރޮލިޖަކަލް ޑިޕާންޓްމެންޓުން ވަނީ ބުނެފަ އެވެ. (ބީބީސީ)