13 Apr 2016, 14:47
ސްރީލަންކާގެ ފާދިރީއެއް ކަމުގައިވާ އަސޭލާ ވިކްރަމް ސިންހަ މެދުވެރިކޮށް ރައީސް ޔާމީން އަބްދުﷲ ޔާމީން، ވެރިކަމަށް ވަޑައިގަތުމަށް ސިހުރު ހެއްދެވި ކަމަށް ދޭހަވާ ގޮތަށް ރާއްޖެ ޓީވީ އިން ހަބަރެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، މައާފަށް އެދެން ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެ ޓީވީއަށް އަންގައިފި އެވެ.
މިއަދު ބްރޯޑްކާސްޓިންގް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީން މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ 8ގެ ޚަބަރުތެރޭގައި ރައީސް ޔާމީން ވެރިކަމަށް އައީ ސިހުރު ހަދައިގެން ކަމަށް ދޭހަވާގޮތަށް، ސާބިތުނުވާ ހަގީގަތާއި ޚިލާފް ދޮގު ޚަބަރާއި މަންޒަރު ގެނެސްދީފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (1) އާ ޚިލާފަށް ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅިގެން ރާއްޖެޓީވީއިން މާފަށް އެދި ބަޔާން ނެރުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.
" ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 3ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 18 އެޕްރީލް 2016ވާ ހޯމަ ދުވަހުގެ ކުރިން ރޭގަނޑު 08:00 އާއި 08:30އާ ދެމެދު ރާއްޖެ ޓީވީ އިން އާންމުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ." ބްރޯޑް ކޮމްގެ ސިޓީގައި ބުނެފައިވެ އެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަސޭލާ ޑޮކިއުމެންޓްރީކަމަށް ބުނެ ރާއްޖެޓީވީއިން ބްރޯޑްކާސްޓް ކުރި ކޮންޓެންޓުގައި ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު އެމަނިކުފާނުގެ ބަހެއް ގެނެސްދީފައި ނުވާކަމަށެވެ. އަދި އެއީ ކޯޑް އޮފް ޕްރެކްޓިސްގެ ފަސް ވަނަ ހަމައިގެ (1) އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ވަނީ ބުނެފަ އެވެ.
"ޚަބަރާއި ކަރަންޓް އެފެއަރޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއިއެކު ގެނެސް ދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމަށް ވެސް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ." ބްރޯޑް ކޮމްގެ ސިޓީގައި ބުނެފައިވެ އެވެ.
އެނިންމުމާ މެދު ހިތްހަމަ ނުޖެހޭނަމަ ކަމާ ބެހޭއިދާރާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ރާއްޖެޓީވީއަށް ލިބިގެންވާ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފަ އެވެ.