13 Apr 2016, 20:30
އޭއެފްސީ ކަޕުގެ ގްރޫޕް ޖީގައި އިން ވެސް ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.
ހޮންކޮންގައި ގައި މާޒިޔާ އަތުން ސައުތު ޗައިނާ މޮޅުވީ 2-0 ލަނޑުންނެވެ. އެ މެޗުން ބަލިވި މާޒިޔާއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. މި ގްރޫޕުގައި މިއަދު ޔަންގޮން އާއި މޯހަން ބަގާން ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ސައުތު ޗައިނާ މޮޅުވި ނަމަވެސް، އެ ޓީމު އޮތީ، ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް ޖީގެ ފުލުގައެވެ. ގްރޫޕްގެ ތިން ވަނައިގައިމާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާން އަށް ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް ހަތަރު މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.
އޭއެފްސީ ކަޕް ގްރޫޕް ޖީ
- މޯހަން ބަގާން - 4 މެޗް - 10 ޕޮއިންޓް.
- ޔަންގޮން ޔުނައިޓެޑް - 4 މެޗް - 5 ޕޮއިންޓް.
- މާޒިޔާ ސްޕޯޓްސް- 4 މެޗު - 4 ޕޮއިންޓް.
- ސައުތު ޗައިނާ - 4 މެޗު - 3 ޕޮއިންޓް
މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އަދި ދެވަނަ ހާފުގައި ވެސް މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ސައުތު ޗައިނާ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ސައުތު ޗައިނާއިން މާޒިޔާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. ވާރޭ ވެހުމުގެ ސަބަބުން ދަނޑުމަތި ވަރަށް ބޮޑަށް ތެމިފައި އޮތުމުން ދެ ޓީމަށް ވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ސައުތު ޗައިނާއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. އެ ޓީމަށް ލަނޑު ޖަހައި ދިނީ، ލޯ ހިއު ޗުން އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސައުތު ޗައިނާގެ ޗަން ސިއު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ބޯޅަ ލިބުނީ ހިއު ޗުންއަށެވެ. އޭނާ ވަނީ ވަރަށް ފަސޭހަކަމާއެކު ހަމަޖެހިލާފައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގައި ސައުތު ޗައިނާއިން ޖެހި ދެ ވަނަ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ޗަން ސިއު އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސައުތު ޗައިނާ ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފު ފެށުނުތާ މާގިނައިރުތަކެއް ނުވަނީސް، ސައުތު ޗައިނާއިން މާޒިޔާގެ ގޯލަށް ނުރައްކާކުރަން ފެށި އެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ޗެ ރުންގުއި ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަމް ހޮކް ހެއި އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭނާއަށް ބޯޅަ ލިބުނު އިރު، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.
ދެވަނަ ހާފުގައި މާޒިޔާއަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތެއް ލިބިފައިނުވި ނަމަވެސް، މާޒިޔާގެ މިޑްފީލްޑަރު މޫސާ ޔާމީން (ޔާމްބެ) ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. ސައުތު ޗައިނާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ޔާމްބެ އުފެއްދި ބާރު ހަމަލާ، ކީޕަރު ސަންގް މަން ފައި ވަނީ މަތަކޮށްފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ސުޒޭން ބުނީ، މެޗުގައި ސައުތު ޗައިނާއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ސައުތު ޗައިނާގެ ކުޅުންތެރިންގެ އިސްކޮޅު ދިގުވުމާ ގުޅިގެން އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އޭއެފްސީ ކަޕްގައި މާލޭގައި ކުޅުނު މެޗުގައި ސައުތު ޗައިނާ އަތުން މާޒިޔާ ވަނީ މޮޅުވެފަ އެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ކުޅުނު އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުންނެވެ.