އައްމާން (އޭޕްރިލް 14): އުރުދުންގައި ހުންނަ މުސްލިމް ބްރަދަހުޑްގެ މައި އޮފީސް އެގައުމުގެ ފުލުހުންނާއި ސަލާމަތީ ފައުޖުތަކުން އިއްޔެ ބަންދުކޮށްފި ކަމަށް އެޖަމްއިއްޔާގެ ތަރުޖަމާނު، ބާދީ ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

ނަވާރަސަތޭކައަށާވީހުގައި މެދުއިރުމަތީގެ ގައުމުތަކުގައި އުފެދުނު މުސްލިމް ބްރަދަހުޑަކީ އާއިލީ ހަޔާތާއި، މުޖުތަމައާއި ސަރުކާރު ހިންގުމަށް ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރުމަށް ގޮވަލާ ޖަމްއިއްޔާއެކެވެ. މިސްރުން ވަނީ އެ ޖަމްއިއްޔާއަކީ ޓެރަރިސްޓު ޖަމްއިއްޔާއެއް ކަމަށް ނިންމާފަ އެވެ.

މުސްލިމް ބްރަދަހުޑްގެ އޮފީހުގައި ތިބި މުވައްޒަފުން ނެރެލުމަށް ފަހު ފުލުހުން އެއޮފީސް ބަންދު ކުރީ އެގޮތަށް އަމަލު ކުރަންވީ އެއްވެސް ސަބަބެއް ނުދައްކައި ގާނޫނީ ހުއްދައާ ނުލައި ކަމަށް މުސްލިމް ބްރަދަހުޑްގެ މެމްބަރު، ޖަމިލް އަބޫ ބަކުރު ވިދާޅުވި އެވެ. އަބޫބަކުރު ވަނީ ފުލުހުން އަމަލު ކުރީ އުރުދުންގެ ވެރިރަށް އައްމާންގެ ގަވަރުނަރުގެ އަމުރުފުޅުގެ ދަށުން ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެކަމާ ބެހޭ ގޮތުން އުރުދުންގެ ސަރުކާރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. (ސީއެންއެން)