ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް، އުތުރުގެ ރަށްތަކުގެ މެދުގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގައި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖްއާ ވާދަކޮށް، ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ސެޓުތައް ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު ގެންދިޔައީ 25-19، 25-21 އަދި 25-20 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތުގެ މަރިޔަމް މިޒްނާ އެވެ.

އެ މުބާރާތުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލް ސްޓާ ވަނީ ނާވައިދޫ އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. އެ މެޗުން އިހަވަންދޫ ޕޯލް ސްޓާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗުގެ ސެޓުތައް އިހަވަންދޫ ޕޯލް ސްޓާއިން ގެންދިޔައީ 25-5، 25-12 އަދި 25-10 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އިހަވަންދޫ ޕޯލް ސްޓާގެ ފާތިމަތު ތަހޫރާ އެވެ.

އެ މުބާރާތުގެ ދެ މެޗެއް މިއަދު ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި އިހަވަންދޫ ކްލަބު ޕޯލް ސްޓާ ބައްދަލުކުރާ އިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތާއި ނޮޅިވަރަމް ކްލަބު ހުވާސް އެވެ.

މި މަހު 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރެ އެވެ. އެއީ ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި، ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތާއި ނޮޅިވަރަމް ކްލަބު ހަވާސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކްލަބު ޕޯލް ސްޓާ އެވެ.

އެ މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެއްވަނައިގައި އޮންނަ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގައި ދެވަނަ ޓީމާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަށެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެ އެވެ.

މިދިޔަ އަހަރުގެ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތުގެ ފައިނަލުގައި ދިއްދޫ ޓީނޭޖް ބޯއިސް ސްޕޯޓްސް ކްލަބު ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައި ވަނީ އިހަވަންދޫ ކްލަބު ޕޯލްސްޓާ އެވެ.