14 Apr 2016, 16:20
ހއ. އަތޮޅު މަދަރުސާގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ލީޑިން ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ދޮގު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، ލީޑިން ޓީޗަރަކު ސުކޫލް ދަރިވަރަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެ މިނިސްޓްރީ އިން ވަރަށް ގާތުން ތަހުގީގު ކޮށްފައިވާ ކަމަށާއި ކުރި ތަހުގީގުން އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެ ސުކޫލްގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ، އެ ސުކޫލްގެ ގްރޭޑު ދޭއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ލީޑީން ޓީޗަރަކު އަނިޔާ ކުރި ކަމަށް ބުނެ އެ ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ސުކޫލުން ބެލި ބެލުމުން، އެއްވެސް ޓީޗަރަކު އަދި ސްޓާފަކު ވެސް އެ ކުއްޖާ އަށް އަނިޔާ ކުރި ކަމަކަށް ނުބެލެވޭ ކަމަށް އެ ސުކޫލްގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ، އެފަދަ މައްސަލައެއް މިދިޔަ މަހު 14 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.