16 Apr 2016, 09:41
އެތައް ރިކޯޑެއް މުގުރާލާފައިވާ ސައި-ފައި ބްލޮކްބަސްޓާ ފިލްމު، "އެވަޓާ"ގެ އިތުރު ހަތަރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު، ޖޭމްސް ކެމަރަން ބުނެފި އެވެ.
ކެމަރަން މީގެ ކުރިން ވިސްނާފައި އޮތީ، އެވަޓާގެ ތިން ފިލްމެއް އުފައްދާށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ލާސް ވޭގަސް ގައި ބޭއްވި ސިނަމާކޮންގައި އެ ފިލްމުގެ ހަތަރު ފިލްމެއް ހަދަން ނިންމީ، އެވަޓާގެ މުޅި ވާހަކަ ކިޔައިދޭން އިތުރު ފިލްމުތަކެއް ބޭނުންވާތީ ކަމަށް އޭނާ ވަނީ ބުނެފައިވެ އެވެ.
"ވޭތުވެދިޔަ އަހަރު ތަކުގައި އަހަރެން މަސައްކަތްކުރަމުންދިޔައީ ދުނިޔޭގެ މަޝްހޫރު ހަތަރު ސްކްރީންރައިޓަރުންނާ އެކު. އެވަޓާގެ ދުނިޔެ ކުރިއަށް ނެރުމަށް، ކެރެކްޓަރުތަކާއި ތިމާވެއްޓާއި އާ ސަގާފަތެއް ގެނައުމަށް،" ފިލްމު، ޓައިޓޭނިކް ވެސް ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރު ބުނެފައިވެ އެވެ.

ޖޭމްސް ކެމަރަން ---
ސޭމް ވޯތިންގްޓަން އަދި ޒޯއީ ސަލްޑާނާ ފެނިގެންދިޔަ ފިލްމު، "އެވަޓާ"ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ ފިލްމަށް މިހާތަނަށް 2.8 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ އިރު، އެއީ މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމަކީ ވެސް އެއީ އެވެ.
"އެވަޓާ 2" ފުރަތަމަ ރިލީޒްކުރަން ޝެޑިއުލްކޮށްފައި އޮތީ، މި އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް ފިލްމުގެ ސްކުރިޕްޓު ލިޔަން ވަގުތު ނަގަމުންދާތީ ކެމަރަން ވަނީ އެ ފިލްމު ރިލީޒްކުރުން 2018 އަހަރުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ.
"އެވަޓާ 3" ރިލީޒްކުރާނެ ކަމަށް ބެލެވެނީ 2020 ވަނަ އަހަރުގަ އެވެ. އަދި ހަތަރު ވަނަ ފިލްމު 2022ގައި ރިލީޒްކުރެވޭނެ ކަމަށް ބެލެވޭ އިރު، ފަސް ވަނަ ފިލްމު ރިލީޒްކުރެވޭނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު އެވެ.