ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަތުން ހޯދި މޮޅަކީ، އުނދަގޫ ދުވަސްތަކަކަށްފަހު ވެލެންސިއާގެ ސަޕޯޓަރުންނަށް ހޯދައިދިން މޮޅެއް ކަމަށް އެ ކްލަބުގެ ކޯޗު ޕަކޯ އަޔެސްޓަރަން ބުނެފި އެވެ.

އަޔެސްޓަރަން އަކީ މި ސީޒަނުގައި ވެލެންސިއާއާ ހަވާލުވި ތިން ވަނަ ކޯޗެވެ. ވެލެންސިއާގެ ކޯޗުކަމުން މިދިޔަ އަހަރުގެ ޑިފެންޑަރު މަހު ނުނޯ އެސްޕިރޯޓޯ ސަންޓޯ ދުރުކުރި އިރު، އޭގެފަހުން ހަވާލުވި ގޭރީ ނެވިލް އެ ކްލަބުގެ ކޯޗުކަމުން ދުރުކޮށްފައިވަނީ މިދިޔަ މަހު އެވެ.

ލަލީގާގައި 13 މެޗުން ބަލިވި ވެލެންސިއާ މި ވަގުތު އޮތީ ލީގުގެ ދިހަ ވަނައިގައެވެ. ބާސާގެ އަމިއްލަ ދަނޑު، ކޭމްޕް ނޯގައި ރޭ ކުޅުނު މެޗުގައި ބާސާ އަތުން ވެލެންސިއާ މޮޅުވީ 2-1 ލަނޑުންނެވެ.

"މިއީ އަހަރެމެން ކްލަބުގެ ސަޕޯޓަރުންނަށް ހޯދައިދިން މޮޅެއް. މިއީ އަހަރެމެން ޓީމެއްގެ ގޮތުގައި ކުޅެގެން ލިބުނު ކާމިޔާބެއް. މި މޮޅާއެކު އަހަރެމެން ފަހުރުވެރިވަން. އަބަދުވެސް ސަބަބުތަކެއް ހުންނާނެ. އަދި ކޮންމެ މެޗަކީ ވެސް ލިބޭ ފުރުސަތެއް،" ވެލެންސިއާގެ ކޯޗު އަޔެސްޓެރަން ބުންޏެވެ.

ކޮޕާ ޑެލްރޭގެ ސެމީ ފައިނުލުގައި މިދިޔަ ފެބްރުއަރީ މަހު ބާސާއާ ވެލެންސިއާ ކުޅުނު މެޗުގައި ބާސާ އަތުން ބަލިވީ 7-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

"ބާސާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަހަރެމެން ތައްޔާރުވިން. ކުރިން ލިބުނު ނަތީޖާއިން ވެލެންސިއާ މުޅިން ބަދަލުކޮށްލި،" އޭނާ ބުންޏެވެ.

އަޔެސްޓަރަން ބުނީ، ބާސެލޯނާއަކީ ޖެހިޖެހިގެން އަށެއް ނުވަތަ ދިހަ މެޗު ވެސް ކާމިޔާބުކުރެވިދާނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ.

ވެލެންސިއާ އަތުން ބަލިވުމާ ގުޅިގެން އެތުލެޓިކޯ މެޑްރިޑަށް ވަނީ އޭގެ ފައިދާ ލިބިފަ އެވެ. އެއް ވަނައިގައި އޮތް ބާސާ އަދި ދެ ވަނައިގައި އޮތް އެތުލެޓިކޯއަށް ވެސް ލިބިފައިވަނީ 76 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތަކުންނެވެ. ލީގުގައި ބާސާއަށް ފަސް މެޗު ބާކީ އޮތްއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.