އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިތުރުކޮށްދެއްވާފައިވާ 30 ދުވަހުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަނބުރާ ގެނެސްފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ އެގޮތަށް ނިންމީ ރައީސް ނަޝީދު ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވަމުންދާތީ ކަމަށެވެ.

ހުޝާމް ވިދާޅުވީ ވަކީލުން އެހެން ވިދާޅުވާ އިރު، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މެޑިކަލް ލިޔުންތަކުގައި މިމަހުގެ 19 ވަނަ ދުވަހު ސާޖަރީއަކަށް ވަޑައިގަންނަވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެމަނިކުފާނު ހުށަހަޅުއްވާފައި އޮތް މެޑިކަލް ލިޔުންތަކުގައި އެބަ އޮތް ސާޖަރީއަކަށް ވަޑައިގަންނަވާ ވާހަކަ 19 ވަނަ ދުވަހު. ނަމަވެސް އެމަނިކުފާނުގެ ލޯޔަރުން މިހާރު އެބަ ވިދާޅުވޭ އެކަހަލަ އެއްވެސް ސާޖަރީއަކަށް ވަޑައިގަންނަވަން ނުޖެހެއޭ. ވަޑައިނުގަންނަވާނެ ކަމަށް. އެހެންވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނުފެނޭ އެކްސްޓެންޝަނެއް ދޭކަށް." ހުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނީ ވަކީލުންގެ ވާހަކަތައް ހުރިގޮތުން ރައީސް ނަޝީދު ފޮނުއްވީ ސައްޚަ ލިޔުންތަކެއްތޯ ބަލަން އެބަ ޖެހޭ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފާނެތޯ ދެންނެވުމުން ހުޝާމް ވިދާޅުވީ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކަން ކުރިއަށްދާނެ ކަމަށެވެ.

ގއ. ގެމަނަފުށީ ބަނދަރު ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮޕަރޭޝަނެއް ކުރުމަށް ޓަކައި މާދަމާ އެޑްމިޓްވާނެކަން ރައީސް ނަޝީދު ވަނީ ކަރެކްޝަންސް އަށް އަންގާފައި ކަމަށެވެ.

ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.