އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ސްޓޯކް ސިޓީ ބަލިކޮށް، ލީގުގެ އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ޓޮޓެންހަމް ހޮޓްސްޕާއިން ފަސް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ސްޓޯކް ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޓޯކްގެ މައްޗަށް ޓޮޓެންހަމްއިން ކުރި ހޯދީ 4-0 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ

އެ ނަތީޖާއާއެކު ލީގުގެ ދެ ވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު 34 މެޗުން ލިބުނު 68 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއަށް ކުޅުނު 34 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.

ރޭގެ މެޗުގެ ނުވަ ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. މޫސާ ޑެމްބެލޭ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭން އެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 27 ވަނަ މިނެޓުގައި ސްޓޯކްއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖިއަނެއްލީ އިމްބުލާ ދިން ބޯޅައަކުން އެ ޓީމުގެ އޮސްޓްރޭލިއާ ފޯވަޑް މާކޯ އާނޯޓޮވިޗް އުފެއްދި ހަމަލާ، ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއަށް ނުރައްކަލަކަށް ވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ލީޑު ފުޅާކޮށްލުމަށް ޓޮޓެންހަމްއަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ކްރިސްޓިއަން އެރިކްސަން އާއި، ޑެލޭ އަލީ އަދި ކޭންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު ޑެލޭ އަލީ އެވެ. އޭނާއަށް ލިބުނު ފުރުސަތުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ސްޓޯކްގެ ގޯލްކީޕަރު ޝޭ ގިވަންގެ ބޯ މަތިންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 71 ވަނަ މިނެޓުގައި ޓޮޓެންހަމްއިން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރި އެވެ. ކައުންޓާ އެޓޭކެއްގެ ފައިދާ ނަގައި، އެރިކް ލަމޭލާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ކޭން އެވެ.

މެޗުގައި ޓޮޓެންހަމްއިން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ 82 ވަނަ މިނެޓުގައެވެ. އެރިކްސަން ދިން ރީތި ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިން ޑެލޭ އަލީ އެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.