ކާބުލް (އޭޕްރިލް 19): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއަށް ދިން ޖާނުން ފިދާ ވުމުގެ ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަފްގާނިސްތާނުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ނޫސް އޭޖެންސީއަކުން ރިޕޯޓު ކުރި ގޮތުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 100 އަށް ވުރެ އިތުރުވެފަ އެވެ.

ކާބުލްގައި ހުންނަ އަފްގާން އިންޓެލިޖެންސް އޭޖެންސީގެ އޮފީހަކާއި އެމެރިކާގެ އެމްބަސީ ކައިރިއަށް ދިން އެހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގައިފަ އެވެ. ތާލިބާނުން ވަނީ އަފްގާނިސްތާނަށް ބޮޑެތި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު މިދިޔަ ހަފްތާ ތެރޭގައި ދީފަ އެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ ބޮމުގެ ހަމަލާއަށް ފަހު ބަޑީގެ އަޑު އިވިފައިވާ ކަމަށާއި، ސަލާމަތީ ފައުޖުތަކުން މިހާރު ވަނީ ސަރަހައްދު ވަށާލާފައި ކަމަށް ވިދާޅުވެފަ އެވެ.

އަފްގާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ވަނީ "އެންމެ ހަރުކަށި އިބާރާތުން" އެހަމަލާ ކުށްވެރި ކުރައްވައިފަ އެވެ.