19 Apr 2016, 15:03
ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ ވިލާ ކޮލެޖުގައި ހިންގާ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ (އޯޔޫއެމް)ގެ ކޯސްތަކުން 303 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ވިލާ ކޮލެޖުގެ ހަ ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައި އަންޑާ ގްރެޖުއޭޓް ނުވަތަ ބެޗްލާސް ޑިގްރީ ލެވެލް އިން 217 ދަރިވަރަކު ދަސްވެނިވެފައިވެ އެވެ. އަދި އަންޑާ ގްރެޖުއޭޓް ނުވަތަ މާސްޓާޒް ލެވެލް އިން 86 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
ވިލާ ކޮލެޖުގެ ކޮންވޮކޭޝަން ފައްޓަވައި ދެއްވީ، އޯޔޫއެމްގެ ވައިސް ޕްރެސިޑެންޓް ޕްރޮފެސަރު އަހުމަދު ހާޝިމް އެވެ.
ވިލާ ކޮލެޖުގެ މިއަހަރުގެ ކޮންވޮކޭޝަންގައި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ޕާފޯމެންސް އެއް ދައްކާ ދަރިވަރުންނަށް، ގާސިމް އިބްރާހިމްގެ ނަމުގައި ދެމުން އަންނަ "ގާސިމް އިބްރާހިމް އެކްސެލެންސް އެވޯޑު" ވަނީ 11 ދަރިވަރަކަށް ލިބިފަ އެވެ.
އެ އެވޯޑްތަކަށް ހޮވުނު ދަރިވަރުންނަށް ހަވާލުކޮށްދެއްވީ، ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާދު ގާސިމެވެ.
މީގެ އިތުރުން ވިލާ ކޮލެޖުން ދެމުން އަންނަ ވިލާ ކޮލެޖް ބުކް ޕްރައިޒް މިއަހަރު ވަނީ 23 ދަރިވަރަކަށް ލިބިފައެވެ.
އަންވަރު ވިދާޅުވީ، ރާއްޖެ އަށް އަދިވެސް އިޖްތިމާއީ އިގްތިސާދީ އަދި ސިޔާސީ ގޮތުން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ތިމާ ކުރާކަމެއްގެ ސަބަބުން މުޖުތަމައުއަށް އޭގެން އެދެވޭ އަސަރެއް ކުރާނެ ކަންތައްތަކަށް ވިސްނަން ޖެހޭ ކަމަށެވެ.
ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފާހަގަކުރައްވާ އަންވަރު ވިދާޅުވީ، ވިލާ ކޮލެޖަކީ ޔުނިވާސިޓީ ފެންވަރުގެ ތަނަކަށް ހެދުމުގެ ގާބިިލްކަމާ ފެންވަރު ހުރި ތައުލީމީ އިދާރާއެއް ކަމަށެވެ.
އެގޮތުން ވިލާ ކޮލެޖުގެ ކޯސްތައް ހިންގާ ދާއިރާތަކުގެ އިތުރުން، ވިލާ ކޮލެޖުގެ އަމިއްލަ ގިނަ ކޯސްތައް ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާލާސްކަންފުޅެއްގެ ސަބަބުން މިއަދުގެ ރަސްމިއްޔާތަށް ވަޑައިނުގަނެވުނު އޯޔޫއެމްގެ ރައީސް އަދި ވައިސް ޗާންސެލަރު ޑރ. މަންސޫރު ފަޒީލުގެ މެސެޖެއް ވަނީ ރަސްމިއްޔާތުގައި އިއްވާފަ އެވެ. މެސެޖް އިއްވަވާދެއްވާފައި ވަނީ، އޯޔޫއެމްގެ ވައިސް ޕްރެސިޑެންޓް ޕްރޮފެސަރު އަހުމަދު ހާޝިމެވެ.
ވައިސް ޗާންސެލަރުގެ މަންސޫރު ފަޒީލުގެ މެސެޖުގައި 2008 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ އެކު މަސައްކަތްކުރަމުންދާ އިރު، މިހާތަނަށް 1000 ދަރިވަރަކު އެ ޔުނިވާސިޓީތަކުގެ ކޯސްތަކުން ވިލާ ކޮލެޖުން ދަސްވެނިވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކުރިއަށް އޮތްތަނުގައި ވިލާ ކޮލެޖާއެކު އޮތް ގުޅުން ވަރުގަދަކޮށް، ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތްކުރައްވާނޭ ކަމަށް ވެސް މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓަޑީޒްގެ ޑީން ޑރ. އަހުމަދު އަލީ ދީދީ ވަނީ ވިލާ ކޮލެޖުގެ ފައުންޑާ ޑރ. ގާސިމް އިބްރާހިމްގެ މެސެޖެއް ވެސް އިއްވާފަ އެވެ.
ގާސިމް އިބްރާހިމްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، އަމިއްލަ ވިޔަފާރިއާއި ސަރުކާރާއި އިގްތިސާދާ މެދު ވިސްނާ ވިސްނުމުގެ ސަބަބުން ދިމާވަމުންދާ ގޮންޖެހުމެއް ކަމަށެވެ. އަދި ވަޒީފާއެއް ހޯދުމަކީ ވެސް މިއަދުގެ ހުޅުވާލެވިފައިވާ ދުނިޔޭގައި ދިމާވަމުންދާ ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުގެ ކޮންވޮކޭޝަން ވެސް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، ދެވަނަ ދަންފަޅީގައި މިރޭ އޮންނާނީ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގައި ކިޔަވައިގެން ގްރެޖުއޭޓްވި ދަރިވަރުންގެ ދަސްވެނިވުމެވެ. ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގައި މިއަހަރު 109 ދަރިވަރަކު ދަސްވެނިވާނެ އެވެ.
އެގޮތުން، ޕޯސްޓް ގްރެޖުއޭޓް ނުވަތަ މާސްޓާޒް ލެވެލްގެ 182 ދަރިވަރުންނާއި އަންޑާ ގްރެޖުއޭޓް ނުވަތަ ބެޗްލާސް ޑިގްރީ ލެވެލްގެ 230 ދަރިވަރުންނާ އެކު މި އަހަރު ވިލާ ކޮލެޖުން 412 ދަރިވަރުން ދަސްވެނިވެގެންދާނެ އެވެ.