އަންނަ ޖޫން މަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޫނީއަކީ މުހިންމު ކުޅުންތެރިއެއް ކަމަށް އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިނގިރޭސި ޓީމު ކޮލިފައިކޮށްދިނުމަށް ރޫނީ ވަނީ އިސްދައުރެއް އަދާކޮށްދީފަ އެވެ. ނަމަވެސް މުބާރާތް ކައިރިވެފައިވާ އިރު، ރޫނީ ދަނީ ފިޓްނަސް މައްސަލަތަކާ ކުރިމަތިލަމުންނެވެ.

މިސީޒަނުގައި ޓޮޓެންހަމް ހޮޓްސްޕާގެ ފޯވަޑް ހެރީ ކޭން އާއި ލެސްޓާ ސިޓީގެ ފޯވަޑް ޖެމީ ވާޑީގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ފާއިތުވެދިޔަ ހަފްތާއިން ފެށިގެން ލިވަޕޫލްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދެ އެވެ.

"ރޫނީއަކީ މުހިންމު ކުޅުންތެރިއެއް. އޭނާއަކީ ގޭމް ރަނގަޅަށް އެނގޭ ކުޅުންތެރިއެއް. އެހެންކަމުން ދަނޑުމަތީގައި އޭނާ ހުރުން ވަރަށް މުހިންމު. ރޫނީއަށް އެންމެ ކުރިން ކުޅޭ ފޯވަޑްގެ ފަހަތުން ކުޅެވޭނެ. ކޭން އާއި ވާޑީގެ ފަހަތުން ޕްލޭމޭކަރެއްގެ ގޮތުގައި ރޫނީއަށް ކުޅެވޭނެ،" 2008 އިން 2012ގެ ނިޔަލަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާކުރި ކޯޗު، ކަޕެއްލޯ ބުންޏެވެ.

ކަޕެއްލޯގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ، ރޯއީ ހޮޖްސަންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިނގިރޭސި ޓީމުގައި ފެންވަރު ރަނގަޅު ޑިފެންޑަރުން ނެތުމެވެ.

"އިނގިރޭސި ޓީމަށް އޮތް މައްސަލައަކީ ފޯވަޑުންގެ މައްސަލައެއް ނޫން. ރަނގަޅު ފޯވަޑުން އެބަތިބި، ވިސްނަންވީ ޓީމަށް ނަގާނެ ޑިފެންޑަރުންނާ މެދު،" އޭނާ ބުންޏެވެ.

ޔޫރޯ 2016 ގައި އިނގިރޭސި ޓީމު އޮތީ، ރަޝިއާ އާއި، ވޭލްސް އަދި ސްލޮވާކިއާއާއެކު ގްރޫޕް ބީގައެވެ. އެ މުބާރާތުގައި އިނގިރޭސިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 11 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ރަޝިއާއާ ދެކޮޅަށެވެ.