20 Apr 2016, 09:32
ވަޒީފާއަކަށް އެދި 900 ފަހަރު އެކި ތަންތަނަށް ކުރިމަތިލިއެވެ. ނަމަވެސް އެއްވެސް ތަނަކުން އޭނާ އަކަށް ފުރުސަތެއް ނުލިބުނެވެ. ސަބަބަކީ އޭނާ އަކީ އޯޓިޒަމްހުރި ކުއްޖަކަށް ވުމެވެ. މިއަދު ސްކޮޓް ހަކްގެ މަންމަގެ އާދޭހަކީ އޭނާގެ ދަރިފުޅަށް އެންމެ ފުރުސަތެއް ވެސް ދިނުމެވެ.
އުމުރުން 27 އަހަރުގެ ސްކޮޓް އަކީ އިނގިރޭސި ވިލާތުގެ ގްރޭޓާ މެންޗެސްޓާގައި ހުންނަ ސެލްފޯޑް ޔުނިވާސިޓީ އިން މީގެ ދެ އަހަރު ކުރިން މާސްޓާޒް ޑިގްރީއެއް ހާސިލްކޮށްފައިވާ، ކޮމްޕިއުޓަރަށް ނުހަނު ފަރިތަ ޒުވާނެކެވެ. ޔުނިވާސިޓީން ގްރެޖުއޭޓްވި ދުވަހުން ފެށިގެން އޭނާ ދިޔައީ ކެނޑިނޭޅި މަސައްކަތްކުރާނެ ތަނެއް ހޯދުމުގެ މަސައްކަތުގައެވެ.
އެތައް ސަތޭކަ ތަނަކަށް ކުރިމަތިވެސް ލިއެވެ. އައިޓީ އިން މާސްޓާޒްގެ ސަނަދު އޮތް ނަމަވެސް އަދާ ހަމައަށް ވެސް ސްކޮޓް އަށް ވަޒީފާއެއް ލިބޭގޮތެއް ނުވެއެވެ.
މިއަދު ސްކޮޓްގެ މަންމަ، ޝެއިލާ ވިލްސަން ހަކް ވަނީ ޑިޕްރެސްވެފައިވާ އޭނާގެ ދަރިފުޅަށް ވަޒީފާގެ ފުރުސަތެއް ދިނުމަށްއެދި އާދޭސްކުރަން ފަށައިފައެވެ. އޭނާގެ ފޭސްބުކްގައި މިދިޔަ ބުދަ ދުވަހު ބުނެފައިވާގޮތުން، އޭނާގެ ދަރިފުޅު ބޭކާރު ކޮށްލާފައިވަނީ، ސްކޮޓްގެ ގާބިލްކަން ނުފެންނާތީ އެވެ.
ކޮންމެ ފަހަރަކު އިންޓަވިއުއަކަށް ގޮސް އައިސް އޭނާ އިންނަ ގޮތުން ވަރަށް ދެރަވާ ކަމަށާއި ބައެއް ފަހަރު ހިތް ފަޅައިގެންދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އެއްވެސް މީހަކަށް ސްކޮޓަށް ކުރިމަތިލެވޭނެ ކޮމްޕިއުޓަރާ ގުޅޭ ވަޒީފާއެއް ހުސްކޮށް އެބައޮތްތަ. އޭނާއަށް ވެބްސައިޓާއި ވެބް ޕޭޖުވެސް ހެދޭނެ. ކޮމްޕިއުޓަރާ ގުޅޭ ކޮންމެ އެއްޗެއްވެސް. ޓްރައިލް އެއްގައި ހިލޭ ސާބަހަށް ވެސް މަސައްކަތްކުރަން އޭނާ ތައްޔާރު،" ޓީޗިން އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ސްކޮޓްގެ މަންމަ ޝެއިލާގެ ފޭސްބުކް ގައި ލިޔެފައިވެ އެވެ.
އޭނާގެ އެ މެސެޖް ފޭސްބުކްގައި 24000 ފަހަރު ޝެއާ ކޮށްފައިވާއިރު، އޭނާއަށް އިޓަލީ އާއި ނެދަލޭންޑްސް އަދި އިންޑިއާ އިން ވެސް އަންނަނީ އެއްބާރުލުން ލިބެމުންނެވެ.
އެގޮތުން ބީބީސީ އަދި އައިބީއެމް އިން ސްކޮޓް އާމެދު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މައިކްރޯސޮފްޓުގެ މަންދޫބެއް ވެސް ވަނީ އޭނާގެ ސީވީ ބަލާނެ ކަމަށް ޝެއިލާއަށް ވައުދުވެފައެވެ.
"ސްކޮޓް އުޅޭ ހާލުގައި އެފަދަ އެތައް ކުދިންނެއް ވަޒީފާއެއް ލިބޭތޯ އުޅޭ. އޭނާއަށް ވަޒީފާއެއް ލިބިއްޖެނަމަ އެއީ އޭނާގެ ދިރިއުޅުން ބަދަލުކުރުވާނެ ކަމެއް. ކޮންމެ ދުވަހަކު އޭނާ އިންނަނީ ކޮޓަރީގައި. ފިރިމީހާ އޭނާ ވަޒީފާއަށްދާއިރު ސްކޮޓް ގޮވައިގެން ދިޔަ ނަމަވެސް، އޭނާ ބޭނުންވަނީ ކިޔެވި ދާއިރާއިން ކުރިއަށްދާން،" ޝެއިލާ ބުނެފައިވެ އެވެ.