ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަން ކުރެވޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 52 މެމްބަރުންގެ ވޯޓުން ނެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ހުށަހެޅުއްވި ބިލް ގައުމީ ސަލާމަތު ކޮމެޓީން ދިރާސްކުރި އިރު ވަނީ ބޮޑެތި ބަދަލުތަކެއް އިސްލާހަށް ގެނެސްފަ އެވެ.

ކޮމެޓީން ވަނީ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ އުސޫލެއް ބަޔާންކޮށްފަ އެވެ. އެގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހެއްގެ 12 އަހަރު ނުފުރޭ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ނަމަ އެ ކުއްޖެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނީ ކުއްޖާގެ މަންމަ އާއި ބައްޕައާ ދެމީހުންނަކީ ދިވެހިން ކަމުގައިވެ، އޭގެތެރެއިން ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުން ވަނީ އެކަކު ކަމުގައިވެ ކުއްޖާގެ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ހުއްދަ ދެން ހުރި ބެލެނެވިޔާ ދިނުމުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ދިވެހި ރައްޔިތުކަން ދޫކުރުމަށް އިގުރާރު ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ އިގްރާރެއް ހުށަހަޅާ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ފަރާތަކަށް ވާންޖެހެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފޯމާއި އެ މީހަކަށް ދޫކޮށްފައިވާ ދިވެހި ރައްޔިތުކަން އަންގައިދޭ ކާޑުގެ ކޮޕީއާ ދިވެހި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. ހަމަ އެއާއެކު އޭނާގެ ބިމެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އޮތް ނަމަ އެ ބިން ދޫކޮށްލަން އެދޭ ގޮތާއި ބިން ބަދަލުކުރަން ގަސްދުކުރާ ފަރާތުގެ މައުލޫމާތު ހޯމް މިނިސްޓަރަށް ހުށަހަޅަން ޖެހެ އެވެ.

ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ މީހާ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ ހުށަހެޅުންތައް ފުރިހަމަކޮށް މިނިސްޓަރަށް ހުށަހަޅައިފި ނަމަ އެ ހުށަހެޅުން ނިސްބަތްވާ ފަރާތުން ދިވެހި ރައްޔިތުން ދޫކޮށްލުމުގެ އިގްރާރާއި ގާނޫނުގައި ބަޔާންކޮށްފައިވާ ބިން ދޫކޮށްލުމުގެ އިގްރާރުގައި ސޮއިކުރަންޖެހެ އެވެ. އެ އިގްރާރުތަކުގައި ސޮއިކުރަން ޖެހޭނީ މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ ހާޒިރުގަ އެވެ.

އެ އިގުރާރުގައި ސޮއިކުރުމާއި ދިވެހި ރައްޔިތެއްކަން އަންގައި ދިނުމުގެ ގޮތުން ދޫކޮށްފައިވާ ކާޑާއި ޕާސްޕޯޓް މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހަވާލުކުރަން ޖެހޭނެ އެވެ. އަދި އޭނާ ދިވެހި ރައްޔިތުކަން ދޫކޮށްފައިވާ ކަމުގެ ލިޔުން މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން އެ މީހަކަށް ދޭންޖެހޭނެ އެވެ. އަދި އެ ލިޔުން ދޫކުރާ ތާރީހުން ފެށިގެން އެ މީހަކަށް ދިވެހި ރައްޔިތެއް ކަމަކަށް ނުބެލެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް ހަމަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެ ނަމަ އޭނާ އަކީ ދިވެހި ރައްޔިތުކަން ދޫކޮށްލާފައިވާ މީހެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ ފަރާތް ރާއްޖޭގައި ދިރިއުޅެމުން ދިއުމާއި ރާއްޖޭގައި ހަނގުރާމައިގެ ހާލަތެއް އޮތުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާ ނަމަ ދިވެހި ރައްޔިތުކަން ދޫކުރުމަށް ހޯމް މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުން ބަލައި ނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ކޮންމެ މީހަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ ކަމަށެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުބީން ވިދާޅުވީ، ގާނޫނު އަސާސީގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކުރެވޭނެ އިޖުރާއަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.