ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރްގެ ބަލި ހާލަތު ގޯސްވެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އުމުރުން 93 އަހަރު ގުނަމުން އަންނަ ދިލިޕް އެނދުމަތުކޮށްފައި ވަނީ ނޭވާ ލުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިގެންނެވެ.

އެހެންނަމަވެސް ދިލިޕްގެ ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އޭނާގެ ހާލު މިހާރު ރަނގަޅެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.

ފިލްމީ ދާއިރާގައި 60 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ދިލިޕް ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މަދޫމަތީ، މުގްލޭ އާޒިމް، ދޭވްދަސް، ގަންގާ ޖަމުނާ އަދި ކަރްމަ ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

ފިލްމީ ދާއިރާ އިން ގިނަ އެވޯޑުތަކެއް ވެސް ހާސިލްކޮށްފައިވާ ދިލިޕްގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ހާން އެވެ. އެހެންނަމަވެސް އޭނާ މަޝްހޫރުވެފައި ވަނީ ދިލިޕް ކުމާރްގެ ނަމުންނެވެ.

މައުލޫމާތު: ހިންދުސްތާން ޓައިމްސް