ބްރަސަލްސް (އެޕްރީލް 22): ރަޝިޔާ އާއި ނޭޓޯއާ ދެމެދު ބޮޑެތި ޚިލާފްތަކެއް ހުރި ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ބްރަސަލްސްގައި ބޭއްވި ނޭޓޯ އާއި ރަޝިޔާގެ ބައްދަލުވުމަށްފަހު ސްޓޯލްޓަންބާގް ވިދާޅުވީ ދެފަރާތުގެ ދެމެދުގައިވަނީ ފުން އަދި ސްޓްރެޓީޖިކް ޚިލާފްތަކެއް ކަމަށާއި އެ ޚިލާފްތައް ހައްލުކުރެވޭނެ އެއްވެސް ކޮޅެއް ފެންނަން ނެތް ކަމުގަ އެވެ.

އަނެއްކޮޅުން ރަޝިޔާއިން ބުނަނީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ފައިހަރުކޮށް ރަޝިޔާ ވަށާލުމަށް ނޭޓޯއިން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމުން ނޫނީ ނޭޓޯއާ ގުޅުން ރަނގަނޅު ނުކުރެވޭނެ ކަމުގައެވެ. ނޭޓޯއަށް ކަނޑައަޅާފައިވާ ރަޝިޔާގެ މަންދޫބު އެލެގްޒެންޑާ ގްރުޝްކޯ ވިދާޅުވީ ނޭޓޯއާ ރަޝިޔާގެ ގުޅުންތައް ވަރަށް ގޯސްކަމަށާއި ނޭޓޯގެ އަމަލުތައް އިސްލާހް ކޮށްގެންނޫނީ ދެފަރާތުގެ ދެމެދުގައި އިތުބާރު ކުރެވޭ ގުޅުންތަކެއް ގާއިމް ނުކުރެވޭނެކަމުގައެވެ.

ނޭޓޯ ތުހުމަތުކުރާ ގޮތުގައި ރަޝިޔާ ގެންދަނީ އެ ޖަމާއަތުގެ ތާއީދުލިބިފައިވާ ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އަސްކަރީގޮތުން އެހީތެރިވަމުންނެވެ. އަދި ޔުކްރޭންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކްރައިމިޔާ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް ޣައިރު ގާނޫނީ އަމަލެއް ކަމަށް ނޭޓޯ ދެކެއެވެ. ނަމަވެސް ކްރައިމިޔާއަކީ އަސްލު ރަޝިޔާގެ ސަރަހައްދެކެވެ.

އެ ސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ސޮވިއެޓްގެ އިއްތިޙާދުގެ ދެ ގައުމުގެ ގޮތުގައި ޔުކްރޭން އާއި ރަޝިޔާ އޮތްދުވަސްވަރު ސޮވިއެޓް ޔުނިޔަންގެ ކުރީގެ ރައީސެއްކަމަށްވާ ނިކޮލައި ކޫރިސްޗޮފް އެވެ. ޔުކްރޭންގެ ކޮންޓްރޯލްގެ ދަށުގައިއޮތް ކްރައިމިޔާ ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސީ އެސަރަހަދުގެ ރައްޔިތުންގެ މެދުގައި ވޯޓެއްނަގައި ރައްޔިތުންގެ އަޣްލަބިއްޔަތު އެކަމަށް ތާއީދުކުރުމާ ގުޅިގެންނެވެ.

އަނެއްކޮޅުން ނޭޓޯ ގެންދަނީ ރަޝިޔާގެ އަވަށްޓެރި ހުރިހާ ގައުމުތަކެއްގައި ބަރުހަތިޔާރު ބަހައްޓައި ރަޝިޔާގެ މިސައިލް ނިޒާމުގެ ބާރު ދުއްވާލުމަށްޓަކައި އެގައުމުގެ އަވަށްޓެރި ދެގައުމު ކަމަށްވާ ޕޮލެންޑާއި ރުމޭނިޔާގައި މިސައިލް އައްޑަނައިގެ ނިޒާމެއްވެސް ގާއިމް ކުރަމުންނެވެ. މިއީ ނޭޓޯދެކެ ރަޝިޔާ އެންމެ ބޮޑަށް ނުރުހޭ އެއްސަބަބެވެ.

ނޭޓޯއަކީ އެޖަމާއަތުގެ މެންބަރުންގެ އަދަދު ގިނަވެފައި އެޖަމާއަތުގައި އެމެރިކާ ހިމެނުނު ނަމަވެސް ރަޝިޔާގެ މައްޗަށް އަސްކަރީ ގޮތުން ގަދަވެ ގަނެވޭވަރުގެ ޖަމާއަތެއް ނޫނެވެ. މިގޮތުން ރަޝިޔާއަކީ ނޭޓޯގެ ހުރިހާ ގައުމުތަކެއް އެއްކޮށްލުމުންވެސް ނެތްވަރަށް ނިއުކްލިއާ ހަތިޔާރު ހުރި އަދި އެހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)