ބަންގްލަދޭޝްގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، ކުރިއަރުވައި، މަސްވެރިކަން ކުރާ ގޮތް ޒަމާނީ ގޮތަށް ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ހުށަހަޅައިފި އެވެ.

ބަންގްލަދޭޝްގެ ދަ ފައިނޭންޝަލް އެކްސްޕްރެސްގައި ބުނީ، ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު އާސިމް، އެ ގައުމުގެ ފިޝަރީޒް އެންޑް ލައިވްސްޓޮކް މިނިސްޓަރު މުހައްމަދު ސައީދުލް ހައްގާ ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، ދިވެހި ސަފީރު ވަނީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތު ހިނގާ ގޮތުގެ މައުލޫމާތު ބަންގްލަދޭޝްގެ މިނިސްޓަރާ ހިއްސާ ކުރައްވައިފަ އެވެ.

އަދި، ދެ ގައުމުގެ ދެމެދުގައި އެ ދާއިރާއިން އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ދިވެހި ސަފީރު ހުށަހެޅުއްވި އެވެ. މީގެ ތެރޭގައި، ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތާއި ބޭނުންކުރާ ޓެކްނޮލޮޖީތައް ބަންގްލަދޭޝަށް ތައާރަފު ކުރުމަށް އެހީތެރިވެދިނުން ހިމެނޭނެ އެވެ.

ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަސް ބޭނުމަށް ދެ ގައުމުން ޖޮއިންޓު ވެންޗާ މަސައްކަތްތަކެއް ކުރުމަށް ވެސް ދިވެހި ސަފީރު ޑރ އާސިމް ހުށަހެޅުއްވި އެވެ.

މިކަންކަމަށް ބަންގްލަދޭޝްގެ ފިޝަރީޒް މިނިސްޓަރު ސައީދުލް ހައްގު ވަނީ އެއްބަސްވެވަޑައިގެން، އެމަސައްކަތްތައް ފެށުމަށް ބޭނުންވާ އެއްބަސްވުމުގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އަންގަވައިފަ އެވެ.

މީގެ އިތުރުން، ދެ ގައުމު ގުޅިގެން ކައިރި މުސްތަގުބަލެއްގައި ޕްރޮސެސްޑް ފިޝް ޕްލާންޓެއް ގާއިމުކުރުމާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.