23 Apr 2016, 13:08
އިސްލާމްއާބާދު (އޭޕްރިލް 23): ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓު (އޭޓީސީ)ން ބަލަމުންދާ މައްސަލައެއްގައި އެގައުމުގައި އަސްކަރީ ވެރިކަމެއް ކުރެއްވި ޕަރުވޭޒް މުޝައްރަފް ކޯޓަށް ހުށަހެޅުއްވީ ސައްހަ ނޫން މެޑިކަލް ރިޕޯޓެއް ކަމަށް އޭޓީސީން ނިންމައިފި އެވެ.
މުޝައްރަފް ހައްޔަރު ކޮށްގެން ނަމަވެސް ކޯޓަށް ހާޒިރު ކުރަން އޭޓީސީން ވަނީ އޭޕްރިލް ނުވައެއްގައި އަންގާފަ އެވެ. ނަމަވެސް، މުޝައްރަފްގެ ވެރިކަމުގައި 2007 ވަނަ އަހަރު ޕާކިސްތާނުގައި ކުއްލި ހާލަތު އިއުލާންކޮށް، ފަނޑިޔާރުންތަކެއް ބަންދުގައި ބޭތިއްބުމާ ގުޅިގެން އޭޓީސީން ބަލަމުންދާ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިރު ނުވުމާ ގުޅިގެން އޭޓީސީން ވަނީ އޭނާ ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރު ކުރަން އަންގާފަ އެވެ. ނަމަވެސް، މުޝައްރަފް އޭރު ހުންނެވީ ފަރުވާ ހޯއްދެވުމަށް ކަމަށް ބުނެ ދުބާއީގަ އެވެ.
އޭޓީސީން ވަނީ މުޝައްރަފް ދުބާއީ އަށް ދުރުވީ ކޯޓުގެ އިޒުނައާ ނުލާ ކަމަށާއި ކޯޓަށް ހާޒިރު ނުވެވޭ ސަބަބު ކަމަށް ވިދާޅުވެ މުޝައްރަފުގެ ވަކީލު ކޯޓަށް ހުށަހެޅި މެޑިކަލް ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ނިންމާފަ އެވެ.
މުޝައްރަފްގެ މައްސަލައިގެ ކޯޓު އަޑުއެހުމެއް ދެން އޮންނާނީ މޭމަހުގެ 20 ވަނަ ދުވަހު އެވެ. މުޝައްރަފްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ 2009 ވަނަ އަހަރު އެވެ.
ދެހާސްހަތް ވަނަ އަހަރު ގާތްގަނޑަކަށް 60 ފަނޑިޔާރުން ފަސް މަހަށް ވުރެ އިތުރަށް ބަންދުގައި ބޭތިއްބުމުގެ އިތުރުން، ދައުލަތަށް ހިޔާނާތްތެރިވުމާއި ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގައި އޭނާގެ އަތެއްވާ ކަމަށް ބުނެ މުޝައްރަފްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. (ޕީޓީއައި)