23 Apr 2016, 22:25
ސަން ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ ނ. އަތޮޅު ގުރުއާން މުބާރާތުގެ އެއް ވަނަ ހޮޅުދޫ ހޯދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ މުބާރާތުގައި 11 ރަށަކުން 110 ދަރިވަރުން ވަނީ ވާދަކޮށްފަ އެވެ.
އެއް ވަނަ އަށް ދިޔަ ހޮޅުދޫ އަށް ނ. އަތޮޅު ކައުންސިލުން ދޭ ޓުރޮފީ އާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ސަރުކާރު ކޯލިޝަން ޕާޓީ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު އެވެ.

ނ. އަތޮޅަށް ހުޅުވާލައިގެން ސަން ފައުންޑޭޝަނުން ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން: ސަން ފޮޓޯ
ހޮޅުދޫ މުބާރާތުގެ އެއް ވަނަ ހޯދާފައިވާ އިރު މުބާރާތުގެ ދެ ވަނަ ހޯދީ ނ. ވެލިދޫ އެވެ. އަދި ތިން ވަނަ ހޯދީ ނ. މާފަރެވެ.
މުބާރާތުގައި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް ރަށު ކައުންސިލުތަކާއި ސަން ފައުންޑޭޝަނުން ވަނީ އިނާމު ހުށަހަޅައިފަ އެވެ.

ނ. އަތޮޅަށް ހުޅުވާލައިގެން ސަން ފައުންޑޭޝަނުން ބޭއްވި ގުރުއާން މުބާރާތުގެ ދަރިވަރަކަށް ހުސައިން ސާލިމް މުހައްމަދު އިނާމް ހަވާލުކޮށްދެއްވަނީ : ސަން ފޮޓޯ
އެ މުބާރާތުގައި ވަނީ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު އަށް ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު ހަތް ދަރިވަރުން ވެސް ހޮވައިފަ އެވެ.
ބަލައިގެން ކިޔެވުމުގެ ގޮފީން އެއް ވަނަ އަށް ދިޔަ ދަރިވަރުން:
13 އަހަރުން ދަށް: އަހުމަދު ސަހާފު، ނ. އަތޮޅު ތައުލީމީ މަރުކަޒު، ނ. ވެލިދޫ
- 16 އަހަރުން ދަށް: އަހުމަދު ސިބާ އަހުމަދު، މޭނާ ސުކޫލު، ނ. ހޮޅުދޫ
- 19 އަހަރުން ދަށް: މާއިޝާ އަބްދުއްރަހީމް، ތަރުތީލުލް ގުރުއާން އިންސްޓިޓިއުޓު، ނ. ލަންދޫ
ނުބަލާ ކިޔެވުމުގެ ގޮފީން އެއް ވަނަ އަށް ދިޔަ ދަރިވަރުން:
7 އަހަރުން ދަށް: ލަމްޝާ މުހައްމަދު، މާފަރު ސްކޫލު، ނ. މާފަރު
- 9 އަހަރުން ދަށް: މުހައްމަދު ހުމާމް ހުސައިން، މޭނާ ސްކޫލު، ނ. ހޮޅުދޫ
- 11 އަހަރުން ދަށް: އިބާ އިބްރާހިމް އާމިރު، މޭނާ ސުކޫލު، ނ. ހޮޅުދޫ
- 13 އަހަރުން ދަށް: ފާތިމަތު ނާފިޔާ މުހައްމަދު، ނ. އަތޮޅު ތައުލީމީ މަރުކަޒު، ނ. ވެލިދޫ
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ އަށް ދިޔަ ދަރިވަރަކީ އައިމަނަތު ސިބާ އަހުމަދު އެވެ.

ނ. އަތޮޅަށް ހުޅުވާލައިގެން ސަން ފައުންޑޭޝަނުން ބޭއްވި ގުރުއާން މުބާރާތުގެ ބައިވެރިއަކަށް ޑރ. އަޝްރަފު އަބްދުއްރަހީމް އިނާމް ހަވާލުކޮށްދެއްވަނީ : ސަން ފޮޓޯ
ސަން ފައުންޑޭޝަނުން ނ. އަތޮޅުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތުގައި ވަނީ އެ މުބާރާތުގައި ބައިވެރިވި ރަށްތަކުގެ ކައުންސިލްތަކަށާއި ގުރުއާން ކުލާސްތަކަށް ހަނދާނީ ލިޔުމެއް ވެސް ދީފަ އެވެ.
ނ. އަތޮޅު ކައުންސިލުގެ ނައިބު އަންވަރު އަބްދުލްޣަނީ މީގެ ކުރިން "ސަން" އަށް ވިދާޅުވީ ނ. އަތޮޅު ޤުރުއާން މުބާރާތަކީ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތް ކަމަށެވެ.