24 Apr 2016, 19:42
ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސްއިން ގައުމީ ފެންވަރުގައި ދޭ "ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް" އެވޯޑު، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބޭއްވުމަށް ނިންމައިފި އެވެ.
ޖޭސީއައި އަކީ، ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެ އެވެ.
މިއަހަރުގެ ޖޭސީއައި ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް އެވޯޑު ސްޕޮންސާ ކޮށްފައި ވަނީ އެސްޓީއޯއިންނެވެ. މިއަދު ޖޭސީއައި މޯލްޑިވްސްއާއި އެސްޓީއޯއާ ދެމެދު ވަނީ މިކަމާ ބެހޭ އެއްބަސްވުމެއް އެކުލަވާލައި، އޭގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓާ އަހްމަދު ޝަހީރެވެ،
މީގެ ކުރިން ރާއްޖޭގައި ޖޭސީއައި ޓެން އައުޓްސްޓޭންޑިންގ ޔަންގް ޕާސަންސް އެވޯޑު ވަނީ ދެ އަހަރަކު ދެވިފަ އެވެ. އެއީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ކަމަށް ޖޭސީއައި މޯލްޑިވްސްއިން މައުލޫމާތު ދެ އެވެ.
ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް -- ސަން ފޮޓޯ/ފަޔާޒު މޫސާ
މި އެވޯޑު ޖުމްލަ 10 ދާއިރާއަކުން ދެވެ އެވެ. އެއީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިންނާއި، ސިޔާސީ ގާނޫނީ އަދި ސަރުކާރުގެ މަސައްކަތުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއާއި، ސަގާފީ ދާއިރާއާއި، އިޖްތިމާއީ އަދި ތިމާވެށީގެ ދާއިރާއާއި، ކުޑަކުދިންނާއި އިންސާނީ ހައްގުތަކާއި ދުނިޔޭގެ ސުލްހައިގެ ދާއިރާއާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމާއި ދަރުމައަށް މަސައްކަތް ކުރުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއާއި، އަމިއްލަ ކުރިއެރުމާއި ކާމިޔާބީގެ ދާއިރާގެ އިތުރުން ސިއްހަތާއި ބޭސްވެރިކަމުގެ ދާއިރާ އެވެ.
ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށާއި، މި އަހަރުގެ ސެޕްޓެމްބަރު މަހު އެވޯޑު ދިނުމުގެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ދޭނަން ދެ މަސްދުވަހުގެ މުއްދަތެއް، އެވޯޑަށް އެޕްލައި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް. ދެން އޭގެ ފަހުން ޕެނަލެއް ހޮވުމަށް ފަހު ޖަޖުންނަށް މަހެއް ހާ ދުވަހުގެ މުއްދަތެއް ދޭނަން އެންމެ ރަނގަޅު ކެންޑިޑޭޓުން ހޮވުމަށް. ދެން ސެޕްޓެމްބަރު މަހުގައި އިވެންޓު އޮންނާނީ،" ޔާމީން އާދަމް ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ފަޔާޒު މޫސާ
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯއިން ވާނީ މީގެ ކުރިންވެސް ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، އެކަން ކުރުމުގައި އެކުންފުނިން ދެމި އޮންނާނެ ކަމަށެވެ.
ޖޭސީއައިގެ މި ގައުމީ އެވޯޑު ލިބޭ ފަރާތްތަކަށް ޖޭސީއައިއިން ދޭ ބައިނަލްއަގުވާމީ ޒުވާނުންގެ އެވޯޑަށް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޖޭސީއައި މޯލްޑިވްސްއަކީ، ޒުވާނުން ބައިނަލްއަގުވާމީ ގޮތުން ހަރަކާތްތެރި ބަޔަކަށް ހަދައި، މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމުގެ މަގުސަދުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.