25 Apr 2016, 12:04
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ އިމާރާތުގައި ފަޔާ އެލާމް އެޅުމުގެ ސަބަބުން، އެތަނުން ބަޔަކު ނުކުމެއްޖެ އެވެ.
މިއަދު ވެލާނާގޭގައި ފަޔާ އެލާމް އެޅީ 10:50 ގައެވެ. އަދި 11:00 ވީ އިރު ބަޔަކު ވަނީ އެ އިމާރާތުން ނުކުމެފަ އެވެ. ނަމަވެސް އެންމެނެއް ނޫނެވެ.
ވެލާނާގޭގައި ތިބި، އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން "ސަން" އަށް މައުލޫމާތުދިން ގޮތުގައި، ވެލާނާގޭގައި ފަޔާ އެލާމް އެޅީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރަކުން ދުން އެރުމުގެ ސަބަބުންނެވެ.
އެ އިމާރާތުގައި އެމްއެންޑީއެފް އިން ވަގުތުން ހަރަކާތްތެރިވެފައިވާ އިރު، މުވައްޒަފުން އަލުން އިމާރާތަށް ވަދެ 11:25 އެހާކަންހާއިރު ވަނީ އަލުން މަސައްކަތް ފަށައިފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އަދްނާނު މުހައްމަދު "ސަން" އަށް ވިދާޅުވީ، ވެލާނާގޭގައި މާ ސީރިއަސް ކަމެއް ނުހިނގާ ކަމަށާއި އިމާރާތުން ބަޔަކު ނުކުތީ ފަޔާ އެލާމްއެޅުމުގެ ސަބަބުން ކަމަށެވެ.