25 Apr 2016, 17:04
މުވާސަލާތީ ކުންފުނި އުރީދޫ އާއި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހިންގާ ކޯޗިން ޕްރޮގްރާމް މިއަހަރު ވެސް ރާއްޖޭގައި ބާއްވާގޮތަށް ނިންމައިފި އެވެ.
އުރީދޫއިން ބުނީ، ޕީއެސްޖީއާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ކޯޗިން ޕްރޮގްރާމް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. މިދިޔަ އަހަރު ވެސް އުރޫދޫއިން ވަނީ 200 ކުދިން ބައިވެރިކޮށްގެން ކޯޗިން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ.
އުރީދޫއާއި ޕީއެސްޖީ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކޯޗިން ޕްރޮގްރާމް، މިފަހަރު ގިނަ ގައުމުތަކެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުވައިތާއި، ގަތަރާއި، އޮމާނާއި، ޓިއުނީޝިއާ އާއި އަދި އިންޑޮނޭޝިއާގައި ވެސް ކޯޗިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުވައިތުގައި ކޯޗިން ޕްރޮގްރާމް ބޭއްވި އިރު، މިއަހަރުގެ ފެބްރުއަރީ މަހު ގަތަރުގައި އެ ޕްރޮގްރާމް ކުރިއަށްގެންދިޔަ އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އޮމާންގެ ކްލަބު އަލް ޚުވައިރުއިން ވަނީ ޕީއެސްޖީ ކޯޗުންގެ އެހީތެރިކަމާއެކު އެގައުމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.
ޓިއުނީޝިއާގައި ޓްރެއިނިން ކްލަބުތަކާއި ސްކޫލް ޕްރޮގްރާމްތަކުން ހޮވާލެވުނު 200 އަށްވުރެ ގިނަ ކުދިންނާއެކު އެގައުމުގައި ޕްރޮގްރާމް ބޭއްވި އެވެ. ޓިއުނީޝިއާގެ ކުދިންގެ ފުޓްބޯޅަ ހުނަރުތައް ތަރައްގީކުރުމަށް ހިންގި ކޯޗިން ޕްރޮގްރާމްގައި 30 ކޯޗުން ހަރަކާތްތެރިވި އެވެ.
އެންމެ ފަހުން މި މަހުގެ ތެރޭގައި ކޯޗިން ޕްރޮގްރާމް ހިންގީ އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގް ގައެވެ. ޕީއެސްޖީގެ ކޯޗުން ވަނީ ސްކޫލުތަކުން ހޮވާލެވުނު 200 އަށްވުރެ ގިނަ ކުދިންނަށް ހުނަރުތައް ތަރައްގީކުރުމަށް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.
އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިޚް ސައުދު ބިން ނާސިރް އަލް ތާނީ ވިދާޅުވީ، ޕީއެސްޖީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކީ ސްޕޯޓްސްމަންޝިޕް ކުރިއަރުވާ، ސިއްހީ ދިރިއުޅުމެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.
"މި ކޭމްޕްތަކުން ހަމައެކަނި ދަސްކޮށްދޭނީ އަހުލާގު ހިފަހައްޓައި، ފުޓްބޯޅައިގެ ގަވާއިދުތައް ދަސްކޮށްދިނުމެއް ނޫން. މި ކޭމްޕްތަކުން ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް އެ ކުދިން ބޭނުންވާ ހިސާބަށް ގެންގޮސްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.
ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ހުނަރުތައް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް އުރީދޫއިން ޕީއެސްޖީއާއެކު ޕާޓްނާޝިޕް ހެދީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.