26 Apr 2016, 10:29
ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރި ފުޅާކޮށް، އިތުރު ފަސް ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިހާރު ވެސް ރާއްޖޭގައި ދެ ރިސޯޓު ހިންގަމުން އަންނަ ތައިލެންޑުގެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ބުނެފި އެވެ.
ސަން މީޑިއާ އަދި ޕަބްލިކް ސާރވިސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސެންޓާރާ އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ސުޕާރަތު ޗިރަތިވަތު ވިދާޅުވީ ރާއްޖޭގައި ރިސޯޓު ހިންގަން ފެށި ފަހުން މިހާރު ފަސް އަހަރު ވެފައިވާ ކަމަށާއި، ރާއްޖޭގައި އިތުރު ޕްރޮޖެކްޓުތަކެއް ފެށުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އިތުރު ފަސް ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޕާރަތު ވަނީ ވިދާޅުވެފަ އެވެ.
"މިހާރު އެ މަސައްކަތް މުޅިން ފައިނަލް ވެފައި ވަނީ. ރިސޯޓުތައް ހަދާނީ ކ. އަތޮޅުގައި. އެއީ އަޅުގަނޑުމެން ބޭނުންވަނީ އެއާޕޯޓާ ކައިރިން ރަށްތަކެއް." އޭނާ ވިދާޅުވެފައިވެ އެވެ.
ސުޕާރަތު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ބޮޑަށް ޝައުގުވެރިވަނީ މޫދު ކޮޓަރިތަކަށް ކަމަށާއި، އެހެންކަމުން ކުރިއަށް ތަރައްގީ ކުރަން ނިންމާފައިވާ ފަސް ރިސޯޓުގައިވެސް ބޮޑަށް ސަމާލުކަން ދޭނީ މޫދު ކޮޓަރިތައް އިތުރު ކުރުމަށް ކަމަށެވެ.
އެ ފަސް ރިސޯޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަސް އަހަރު ނަގާނެ ކަމަށާއި ފުރަތަމަ ދެ އަހަރު ތެރޭގައި ދެ ރިސޯޓު ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ފަސް ރިސޯޓު ގައި ގާތްގަނޑަކަށް 500 ކޮޓަރި ހިމެނޭނެ ކަމަށް ސުޕާރަތު ލަފާކުރައްވަ އެވެ.
އޭގެ އިތުރުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ސެންޓާރާގެ އިތުރު ރިސޯޓެއް ހުޅުވާނެ ކަމަށް ވެސް ސުޕާރަތު ވަނީ ވިދާޅުވެފަ އެވެ.
ސެންޓާރާ އިން މިހާރު ރާއްޖޭގައި ހިންގަނީ ދެ ރިސޯޓެވެ. އެއީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ އެވެ.
އދ. މައްޗަފުށީގައި ހުޅުވި ސެންޓާރާ ރިސޯޓަކީ ތައިލެންޑްގެ ސެންޓާރާ ގްރޫޕުން ތައިލެންޑުން ބޭރުގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.