26 Apr 2016, 14:55
ޕާޓީގެ މެމްބަޝިޕް ފޯމުގައި އިނގިލީގެ ނިޝާން ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމާ ގުޅިގެން، އެމްޑީޕީ އިން އެޕާޓީގެ މެމްބަރުންގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓު ޖެހުމަށް ފަހު، އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ފަށައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު މިއަދު ވިދާޅުވީ، ފޯމުތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އެމްޑީޕީ އިން ފަށާފައިވާ ކެމްޕޭނުގެ ދަށުން، ލިބިފައިވާ 300 ވަރަކަށް ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ކަމަށެވެ.
"މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް، ލިބިފައި ހުރި ފޯމުތަކުގެ ތެރެއިން، ޕާޓީގެ ތެރެއިން ޕްރޮސެސްކޮށް ނިމުނު ފޯމުތައް މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ފެށިފައި ވަނީ،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ފިންގާޕްރިންޓު ޖަހައި، އެމްޑީޕީގެ އެތެރެއިން ޕްރޮސެސްކޮށް ނިމޭ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.
އަނަސް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ޕާޓީ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމަށް މަޖުބޫރު ކުރުވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީ އިން މިހާރު ހުށަހަޅާފައިވާ ފިންގަޕްރިންޓު ޖެހި ފޯމުތައް ވީހާ ވެސް އަވަހަކަށް ޕްރޮސެސް ކުރުމަށް ފަހު، އެ ފޯމުތައް ފުރާފައިވާ ފަރާތްތަކަކީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އަވަހަށް ކަނޑައަޅައިދެއްވުމަށް އެދޭ ކަމަށެވެ.
އެމްޑީޕީ އިން ދަނީ، އެޕާޓީގެ މެމްބަރުންގެ ފިންގަޕްރިންޓު ޖެހި، މެމްބަޝިޕް ފޯމުތައް ފުރުމާއި ޕްރޮސެސްކުރުމުގެ މަސައްކަތް، އެ ޕާޓީގެ ޖަހަގައިގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރިޔަށް ގެންދަމުންނެވެ.