26 Apr 2016, 21:16
ކެންޔާގެ ކުރީގެ ރައީސް މުވާއީ ކިބަކީގެ އަނބިކަނބަލުން ލޫސީ ކިބަކީ އަވަހާރަވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުން، އެކަމަނާ އަވަހާރަވެފައި ވަނީ މިއަދުގެ ވަގުތެއްގައި ލަންޑަންގައި ހުންނަ ބޫޕާ ކްރޮމްވެލް ހޮސްޕިޓަލުގަ އެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 76 އަހަރެވެ.
ހަމައެއާ އެކު އެކަމަނާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ މަހެއްހާ ދުވަސްފަހުން ކަމަށާއި ވޭތުވެ ދިޔަ މަސް ދުވަހު ކެންޔާއިންނާއި އިނގިރޭސި ވިލާތުން ވެސް ފަރުވާ ހޯއްދަވާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެންނަމަވެސް އެކަމަނާ އަވާހާރަވީ ކޮން ސަބަބަކާ ހުރެ ކަމެއް ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ކެންޔާގައި 2002 ވަނަ އަހަރުން 2013 ވަނަ އަހަރަށް ވެރިކަން ކުރެއްވި މުވާއީ ކިބަކީ އާ ލޫސީ ކައިވެނި ބައްލަވައިގަތީ 1962 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ހަތަރު ދަރިކަލަކު ލިބިވަޑައިގެންފައިވެ އެވެ.
ނަވާރަސަތޭކަ ސާޅީސް ވަނަ އަހަރު އުފަންވެވަޑައިގެންނެވި ލޫސީ ވަނީ އެއިޑްސް އަށް މީހުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަނާ އެންމެ ފަހުން މީޑިއާ އަށް ފެނިފައި ވަނީ 2010 ވަނަ އަހަރު އެވެ.
މައުލޫމާތު: ބީބީސީ