26 Apr 2016, 22:42
ފުވައްމުލަކު ބަންޑާރަ ކިޅިއަށް ގެނބުނު ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވެ އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު އިސްމާއިލް ސަން އަށް ވިދާޅުވީ، ބަންޑާރަ ކިޅިއަށް ގެނބުނު ކުޑަ ފިރިހެން ކުއްޖަކު އިރުއޮއްސި 05:30 ހާއިރު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ ކުއްޖާ އަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ގެނައި އިރުވެސް އެހާ ރަނގަޅެއް ނޫން. ފަހުން ނޭފަތުންނާ އެއްކޮށް ލޭ އައި. އެހެންނަމަވެސް މިހާރު ލެއެއް ނާދޭ. އެހެންނަމަވެސް ސީރިއަސް ހާލަތުގައި އޮތީ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގެނބުމުގެ ސަބަބުން ކުއްޖާގެ ފުއްޕާމެއަށް ގެއްލުން ވެފައިވާ ކަމަށާއި އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބޭރުން މާ ބޮޑު އަނިޔާއެއް ނެތް ފެންނާކަށް. ފުއްޕާމެއަށް ގެއްލުން ވެފަ ހުރި ކަމަށް ބޮޑަށް ޑޮކްޓަރު ލަފާ ކުރަނީ. ވަރަށް ބޮޑު ޑެމޭޖެއް ވެފަ ހުރި ކަމަށް،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.