28 Apr 2016, 09:22
ސިއްހަތަށް ގެއްލުންދޭ އެތަކެއް އާދަތަކެއް އަހަރުމެންގެ ކަށީގައި ހިފާފައި ހުރެ އެވެ. އަދި އެފަދަ އާދަތަކަށް ދެވި ހިފާފައި ތިބި އެތައް މިލިއަން މީހަކު މި ދުނިޔޭގައި ދިރިއުޅެ އެވެ. އެފަދަ އާދަތަކަކީ ސިއްހަތަށް ގެއްލުންދޭ އާދަތަކެއްކަން ބައެއް މީހުންނަށް އެނގޭ އިރު އަނެއް ބައި މީހުންނަށް އެއީ ކިހާވަރެއްގެ ކަމެއް ކަމެއް ރޭކާ ވެސް ނުލަ އެވެ.
ދިރިއުޅުމުގައި ގެންގުޅޭ އެފަދަ ބައެއް ނޭދެވޭ، އަދި ސިއްހަތަށް ގެއްލުންދޭ އާދަތަކަށް ބަލާލާނަ މެވެ.
ނިޔަފަތި ކެއުން:

ނިޔަފަތި ކެއުން ---
ކަމަކާ ހާސްވެ ބިރުގަތުމުން ބައެއް މީހުންނަށް ނިޔަފަތި އަނގަޔަށް ލެވޭ ނުވަތަ ނިޔަފަތި ކެވޭ ގޮތްވެ އެވެ. އޭގެ ސަބަބުން ނިޔަފަތިތަކުގެ ދަށުގައި ހުންނަ ޖަރާސީމުތަކަށް އަނގަޔަށް ވަނުމުގެ ފުރުސަތު ލިބެ އެވެ. އަދި ހިރުގަނޑާއި އަނގައިގެ އެކި ހިސަބުތަކުގައި އިންފެކްޝަން އުފައްދަ އެވެ.
އެހެންކަމުން، ނިޔަފަތި އަނގަޔަށްލުމާއި ނިޔަފަތި ކެއުން ހުއްޓާލަން ޖެހެ އެވެ.
މޫނުގައި މާ ގިނައިން އަތް ހޭކުން:

މޫނުގައި އަތް ހޭކުން ---
މޫނުގައި މާ ގިނައިން އަތް ހޭކުން ނުވަތަ މޫނުގައި ހުންނަ ބިހިތައް ކޮށްޓުމަކީ ވެސް ވަރަށް ގިނަ މީހުންގެ ކަށީގައި ހިފާފައިވާ އާދަ އެކެވެ. އޭގެ ސަބަބުން މޫނުގެ އެންމެ މަތީ ފަށަލައިގައި ހުންނަ ލޮލަށް ނުފެންނަ (މައިކްރޮސްކޯޕިކު) ހަމުގެ ލޭޔަރުތައް ހަލާކު ވުމަށް މެދުވެރިވެ އެވެ.
އެހެންކަމުން މޫނުގައި އަތް ހޭކުމާއި މޫނުން ނަގާފައި ހުންނަ ބިހިތައް ކޮށްޓުން ހުއްޓާލަން ޖެހެ އެވެ. އަދި މޫނު ސާފު ކުރުމަށް އެކަމަށް ހާއްސަ ކުރީމްތަކާއި މޫނު ދޮންނަ ފުޅިތައް ބޭނުން ކުރުން ބުއްދިވެރި އެވެ.
މެޓާ ކެއުން:

މެޓާ ކެއުން ---
މެޓާ ކެއުމަކީ އެކި އުމުރުގެ މީހުންގެ މެދުގައި ހުންނަ އާދަ އެކެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ ކުޑަ ކުދިންނެވެ. އެ ކުދިންނަކީ މެޓާ ކެއުމަށް އާދަޔާ ހިލާފަށް ލޯބި ކުރާ ކުދިންނެވެ. އެހެންނަމަވެސް، އެއީ ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއާދަ ހުއްޓުވަން ޖެހެ އެވެ.
މެޓާ ކެއުމުގެ ސަބަބުން ދަތްތައް ހަލާކު ވުމަށް މަގުފަހިވެ އެވެ. ހަމައެއާ އެކު، ތަންކޮޅެއް ހަރުކޮށް ހުންނަ މެޓާ ކެއުމުން ދަތްތައް ބިންދައިގެން ދިއުމަށް ވެސް މަގުފަހިވެ އެވެ.
ފަންސުރާއި ގަލަން އަނގަޔަށްލުން:

ފަންސުރު އަނގަޔަށްލުން ---
މިއީ ސުކޫލްތަކުންނާއި އޮފީސްތަކުން ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ޓީޗަރަށް ސަމާލުކަން ދިނުމުގެ ތެރެއިންނާއި އެއްޗެއް ލިޔަން އިނދެފައި ވިސްނާލަން ހޭދަ ކުރާ ވަގުތުތަކުގައި ފަންސުރާއި ގަލަން އަނގަޔަށް ލެވޭ ގޮތްވެ އެވެ.
އޭގެ ސަބަބުން އަތުގައި ހުންނަ ޖަރާސީމުތަކާއި ގަލަމުގައި ހުންނަ ތަފާތުވައްތަރުގެ ޖަރާސީމުތައް ވެސް އަނގަޔަށް ވަނުމުގެ ފުރުސަތު ބޮޑުވެ އެވެ.
މައުލޫމާތު: ހެލްތު ޑައިޖެޒްޓު.ކޮމް