ބެއިޖިންގް (އެޕްރީލް 28) : ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ނޫނީ ހަމަނުޖެހުމެއް އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގް ވިދާޅުވީ ޗައިނާއަކީ ކޮރެޔަން ޕެނިންސިއުލާގެ އަވަށްޓެރި ގައުމަކަށްވާތީ އެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްޙައަކީ ޗައިނާގެ އަމަނާ ގުޅިފައިވާ ކަމެއް ކަމުގަ އެވެ. އޭޝިޔާގެ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝީޖިންޕިން ވިދާޅުވީ ޗައިނާ އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ސުލްޙަ އާއި ހަމަޖެހުމަށް ކަމުގަ އެވެ. އެހެންކަމުން އެއްވެސް ސަރަހައްދެއްގައި ހަމަޖެހުމާއި ހަނގުރާމަ ހިނގަން ޗައިނާ ނޭދޭ ކަމަށް ޝީ ވިދާޅުވި އެވެ.

ކޮރެޔަން ޕެނިންސިއުލާއަކީ ނިއުކްލިއާ ހަތިޔާރު ހުރި ސަރަހައްދެކެވެ. އެމެރިކާއިން ދެކުނު ކޮރެޔާގައި ނިއުކްލިއާ ހަތިޔާރު ރައްކާކޮށްފައިވާ ކަމަށް ބެލެވޭއިރު އުތުރުކޮރެޔާއަކީ ނިއުކްލިއާ ހަތިޔާރު އުފައްދައި އެ ހަތިޔާރު ރައްކާކޮށް އަދި އެހަތިޔާރު ތަޖްރިބާކުރަމުން ގެންދާ ގައުމެކެވެ. މިއީ ކޮރެޔަން ޕެނިންސިއުލާގެ ސުލްހަ ނުރައްކަލުގެ ވެއްޓޭ މައިގަނޑު ސަބަބުތަކެވެ.

އަނެއްކޮޅުން އުތުރުކޮރެޔާއިން ނިއުކްލިއާ ހަތިޔާރާއި ބެލަސްޓިކް މިސައިލް ތަޖްރިބާ ކުރަމުން ގެންދިޔުމާއެކު އެކަމުގެ ރައްދުގައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި އުތުރުކޮރެޔާ އެކަހެރިކުރުމަށް އެމެރިކާ ވެސް ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. އެމެރިކާގެ މި ހަރުކަށި ސިޔާސަތުތަކާއި އަދި އެމެރިކާ އާއި ދެކުނު ކޮރެޔާ ގުޅިގެން ކޮންމެ އަހަރަކު ބާއްވާ އަސްކަރީ ތަމްރީންތަކުގެ ސަބަބުން ވެސް ކޮރެޔަން ޕެނިންސިއުލާގެ ސުލްޙަވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފަ އެވެ.(ނޫސްއެޖެންސީތައް)