28 Apr 2016, 22:57
ލ. އަތޮޅު ދެ ސްކޫލެއްގައި ގާއިމްކޮށްފައިވާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޔުނިޓު ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާސްތަކަށް ދިރާގުން އެއްލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ބޭނުންތެރި ވަސީލަތްތަކެއް ހަދިޔާކޮށްފައިވަނީ ލ. ގަމު ހަމަދު ސްކޫލާއި އިހައްދޫ ސްކޫލުގައި ތަފާތު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާސްތަކަށެވެ.
ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމުގެ އިޖްތިމާއީ ޒިންމާގެ ދަށުން ދިރާގުން ދެ ސްކޫލަކަށް ހަދިޔާކުރި އެއްލައްކަ ރުފިޔާގެ އެ ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމާއި ބައިސްކަލާއި ކުޅޭ ތަކެއްޗާއި ވާހަކަ ފޮތް ފަދަ ތަކެތި ހިމެނެއެވެ.
ލ. ގަން ތުނޑީ އިހައްދޫ ސްކޫލުގައި މިއަދު ބޭއްވި ހަފްލާއެއްގައި ދިރާގުގެ ފަރާތުން އެތަކެތި ހަމަދު ސްކޫލާ ހަވާލުކޮށްދެއްވީ ދިރާގުގެ ޑިރެކްޓަރު ސޭލްސް އެންޑް ކަސްޓަމާ ސާވިސް، އަލީ ރިޔާޒެވެ. ހަމަދު ސްކޫލުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ ސްކޫލު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ސްކޫލުގެ ލީޑިން ޓީޗަރު އަބްދުﷲ ޝަރީފެވެ.

ލ. އަތޮޅުގެ ދެ ސްކޫލެއްގެ ސެން ކުލާސްތަކަށް ދިރާގުން ބައެއް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިރާގު
އިހައްދޫ ސްކޫލުގެ ސެން ޔުނިޓަށް ތަކެތި ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ އެވެ. އަދި އެ ތަކެއްޗާ އިހައްދޫ ސްކޫލުން ހަވާލުވެވަޑައިގެންނެވީ ސްކޫލުގެ ޕްރިންސިޕަލް ނަޖުމާ އަބްދުﷲ އެވެ.
ފްރެންޗް ރެޑްކްރޮސްގެ ހިލޭ އެހީގައި ގާއިމްކުރި އިހައްދޫ ސްކޫލުގައި އެލްކޭޖީން ފެށިގެން ގްރޭޑް 9 އަކާ ހަމަޔަށް ކިޔަވައިދެމުންދެއެވެ. އަދި އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކުލާހެއް މިދިޔަ މާރިޗް މަހު ގާއިމްކޮށް، ކުލާހުގައި ރަޖިސްޓްރީ ވެގެން 16 ކުދިން ކިޔަވަމުންދެ އެވެ.
ހަމަދު ސްކޫލަކީ 1998 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ، އަދި މިހާރު ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ އަށް ވެސް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި މިދިޔަ މާރިޗު މަހު ތައްޔާރުކޮށް ކިޔަވައިދޭން ފެށުނު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާހުގައި ރަޖިސްޓަރީ ވެގެން 30 އަށްވުރެ ގިނަ ކުދިން ކިޔަވަމުންދެ އެވެ.