އިނގިރޭސި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް އުފުލާލަން ތައްޔާރު ވަމުންދާ ލެސްޓާ ސިޓީ މިރޭ ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން މެންޗަސްޓާ ޔުނައިޓެޑާ އެއްވަރުވެ ލެސްޓާ އިން ލީގް ކަށަވަރު ކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އެ މެޗު ކާމިޔާބު ކޮށް ލީގް ކާމިޔާބް ކުރުމުގެ ފުރުސަތު ލެސްޓާ އަށް އޮތް ނަމަވެސް ޔުނައިޓެޑް އަތުން ލިބުނު ޕޮއިންޓާއި އެކު ލެސްޓާ އެއްވަނާގައި އޮތީ 77 ޕޮއިންޓާއި އެކުއެވެ. ލެސްޓާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 69 ޕޮއިންޓާއި އެކު ތަވާލުގެ ދެވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާއެވެ. ޔުނައިޓެޑް އޮތީ 60 ޕޮއިންޓާއި އެކު ލީގްގެ ފަސް ވަނައިގައެވެ.

ލީގްގައި ބާކީ ތިން މެޗު އޮތް އިރު އެ ތިން މެޗު ކާމިޔާބް ކޮށްގެން ލެސްޓާ އަށް ލީގު ލިބެން އޮތް އިރު، ދެވަނަގައި އޮތް ޓޮޓެންހަމް ކުރި އަށް އޮތް ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވަތަ އެއްވަރު ވެއްޖެ ނަމަވެސް ލެސްޓާ އަށް ލީގް ލިބޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ޔުނައިޓެޑް އާއި ލެސްޓާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ޔުނައިޓެޑް އޯލްޑް ޓްރެފޯޑްގައި ކުޅުނު އެ މެޗު ފެށިގެން އަށް ވަނަ މިނެޓްގައި އެ ޓީމުން ވަނީ ލީޑް ނަގާފައެވެ. އެ ގޯލު އެންތޮނީ މާޝަލް ކާމިޔާބްކުރީ ޔުނައިޓެޑްގެ ވެލެންސިއާ ލެސްޓާގެ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް ހަމަ ޖެހިލާފަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެ ގޯލަށް ފަހު ވެސް ޔުނައިޓެޑަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލެސްޓާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔުނައިޓެޑްގެ މަރުއާނޭ ފެލައިނީ ޖައްސާލި ބޯޅަ ޖެސީ ލިންގާޑް ފޮނުވާލި ނަމަވެސް ލެސްޓާގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ.

ލެސްޓާ އަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ، ވެސް މޯގަންނެވެ. ޔުނައިޓެޑްގެ ގޯލު އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމެއް ޑެނިއަލް ޑްރިންކްވޯޓާ ހުރަސް ކޮށްލުމުން މޯގަން ވަނީ ބޮލުން ގޯލުގެ ތެރެއެއް ވައްދާލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ޔުނައިޓެޑް އާއި ލެސްޓާ ކުޅުނު މެޗުގައި ލެސްޓާގެ ގޯލު ވެސް މޯގަން ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފެށިގެން ލެސްޓާ އިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސަތްކަތް ކޮށްފައެވެ. އެގޮތުން ލެސްޓާގެ ޑެނީ ސިމްޕްސަން ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ އެއް ސިންޖީ އޮކަޒާކީ ފޮނުވާލަން މަސަތްކަތް ކުރި ނަމަވެސް އެ ބޯޅަ ދިޔައީ އޭނާގަ ފައިގަ ލައްވާނުލައި ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

އެ ހަމަލާއަށް ފަހު ވެސް ލެސްޓާ އިން ރަނގަޅަށް ކުޅުނު އިރު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލެސްޓާގެ ޑްރިންކްވޯޓާއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ރަތް ކާޑަށް ފަހު ލެސްޓާއިން ޑިފެންސިވް ކުޅުމެއް ކުޅުނުއިރު ޔުނައިޓެޑުން ވަނީ މެޗުގެ ފަހު ވަގުތުކޮޅު ގޯލެއް ކާމިޔާބްކުރެވޭތޯ ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑަށް ވަނީ އިތުރު ގޯލެއް ކާމިޔާބް ކުރެވޭގޮތް ނުވެފައެވެ. އެ މެޗު އެއްވަރުވެގެން ނިމުމުން، ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ގިނަ ހުރަސް ތަކެއް އެޅިފައެވެ.