އައިޖީއެމްއެޗްގައި ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ މިއަދު ހަވާލުކޮށްފި އެވެ.

އެ ސެންޓަރަކީ ކުޑަކަމު ދިއުމުގެ ނިޒާމުގެ ބަލިތަކާއި ގުރުދާ ނުވަތަ ކިޑްނީގެ ބަލިތަކަށް އަދި ދަރިން ހޯދުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

އައިޖީއެމްއެޗްގައި ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން އެވެ. އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ޕެޑިއަޓްރިކް ޔުރޮލޮޖިސްޓް އަދި މެނޭޖިން ޑިރެކްޓަރު ޑރ. ޕްރަސަންނަ ވެންކަޓެޝް އެވެ.

ސޮއިކުރެއްވުމަށްފަހު ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، އެ މަސައްކަތް އެންޔޫ ހޮސްޕިޓަލަށް ހަވާލުކޮށްފައި ވަނީ ތިންމަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.

އައިޖީއެމްއެޗްގައި ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ މިހާރު އެފަދަ ގިނަ ޚިދުމަތްތައް ހޯދަން ދިވެހިން ގިނައިން ދަތުރުކުރަން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގައި އެފަދަ ބަލިތަކަށް ފަރުވާދޭ ސެންޓަރު ގާއިމްކުރުމަށްފަހު، މިއަހަރުގެ ތެރޭގައި އެ ހިދުމަތް އައިޖީއެމްއެޗުން ލިބޭނެކަމަށް ރިޝްވާން ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން ސެންޓަރުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ވެސް އެންޔޫ ހޮސްޕިޓަލްގެ ފަރާތުން ތަމްރީނުކޮށްދޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

އެ ފަރާތުން މަސައްކަތް ކުރާނީ އައިޖީއެމްއެޗްގައި އަދި ރައްޖޭގައި މިހާރު ނެތް ހިދުމަތްތައް ތައާރަފްކޮށް ދިވެހިންނަށް އޭގެ ލުއިފަސޭހަކަން ހޯދައިދޭން ކަމަށް ޑރ. ޕްރަސަންނަ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމްކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެން އައިޖީއެމްއެޗަށް އަދި އެންމެހާ ދިވެހިންނަށް ޔަގީންކަން ދެން ވަސީލަތްތައް ހުރި މިންވަރަކުން ރާއްޖެއަށް މިފަދަ ހިދުމަތްތައް ތައާރަފްކޮށްދިނުމުގައި ދިވެހިންނަށް އަޅުގަނޑުމެންގެ ފުރިހަމަ އެހީތެރިކަން އަބަދުވެސް ލިބޭނެ،" ޑރ. ޕްރަސަންނަ ވިދާޅުވި އެވެ.

އެ ސެންޓަރުގެ މަސައްކަތަށް ދިވެހި ދައުލަތުން ގާތްގަނޑަކަށް 2.5 މިލިއަން ވަރަކަށް ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީސީއޯ ރިޝްވާން ވިދާޅުވި އެވެ.