މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދައިފި އެވެ. ލެސްޓާއިން ސީޒަނަށް ނުކުތީ އުންމީދެއް ނެތް ހުވަފެނެއް ހާސިލުކުރާކަށް ނޫނެވެ. ބައެއް ފަހަރު އެފަދަ ހުވަފެނެއް ހަގީގަތަކަށް ހަދަން ވަރަށް ދުވަސް ނަގާފާނެ އެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމާއެކު ކިތަންމެ، ބޮޑު ނުވަތަ މަޝްހޫރު ކްލަބަކަށް ނުވިޔަސް ލީގެއް ކާމިޔާބުކުރުމުގެ އުންމީދުކޮށް، އެކަން ކުރެވިދާނެކަން ލެސްޓާއިން މުޅި ދުނިޔެއަށް ދައްކުވައިދީފި އެވެ. ކިތަންމެ މުއްސަނދި ކުޅުންތެރިންތަކެއް ނުވަތަ ފޭވަރިޓް ޓީމުތަކަކާ ވާދަކުރަން ޖެހުނަސް، ކާމިޔާބު ހޯދިދާނެކަން މިއަދު ލެސްޓާއިން ދައްކުވައިދީފި އެވެ.

މިހާރު ކޮންމެ ކްލަބަކަށް ވެސް ލީގެއް ކާމިޔާބުކުރެވިދާނެ ކަމުގެ ފޮނި ހުވަފެންތައް ކުރެވިދާނެކަން ލެސްޓާއިން ދައްކުވައިދީފި އެވެ. ދެން ކޮންމެ ކްލަބެއް ވެސް ނުކުންނަންވީ، ބޮޑެތި ކްލަބުތަކަށް ލެސްޓާ ދިން ލަނޑު ދިނުމަށެވެ. މަޝްހޫރު ނުވަތަ އަގުބޮޑު ކުޅުންތެރިންނެއް ބޭނުމެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވުމުން ލެސްޓާ ސިޓީގެ ސަޕޯޓަރުން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-2 ލަނޑުން ޓޮޓެންހަމް އެއްވަރުވުމުން ލެސްޓާއަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ލީގުގައި ދެ ވަނައިގައި އޮތް ޓޮޓެންހަމްއާއި ލެސްޓާއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮތް އިރު، އެ ކްލަބަށް ލީގުގައި އަދި ބާކީ ދެ މެޗު އެބައޮތެވެ.

ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް އަންނަ ހޮނިހިރު ދުވަހު ލެސްޓާއިން ޕްރިމިއާ ލީގު ތަށި އުފުލައިލާނެ އެވެ. ކޮންމެ ނަތީޖާއަކުން އެ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވި ކަމަށްވިޔަސް، ލެސްޓާގެ ކެޕްޓަން ވެސް މޯގަން އެ ތަށި އުފުލައިލާނެ އެވެ. ލެސްޓާ ވެފައިވަނީ 21 ވަނަ ގަރުނުގެ އެންމެ ހީނުކުރާ ޗެމްޕިއަނުންގެ ގޮތުގައެވެ.

މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ލެސްޓާ ސިޓީގެ ކެޕްޓަން ވެސް މޯގަން (ކުރީގައި) އުފާފާޅުކުރަނީ: ޕްރިމިއާ ލީގުގެ ތަށި މޯގަން އުފުލައިލާނީ އަންނަ ހޮނިހިރު ދުވަހު ކިންގް ޕަވާ ސްޓޭޑިއަމްގައި --- ފޮޓޯ: އޭޕީ

132 އަހަރު ކުރިން ލެސްޓާއިން ތައްޔާރުވި ޕާޓީ!

މީގެ 132 އަހަރު ކުރިން ލެސްޓާއިން އުފާފާޅުކުރުމުގެ ޕާޓީއަކަށް ތައްޔާރުވި އެވެ. ނަމަވެސް 1929 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ފުރަތަމަ ޑިވިޝަނުގެ ލީގުގައި އެ ޓީމަށް އެ ފަހަރު ލިބިގެންދިޔައީ ދެ ވަނަ އެވެ. ތިން ލައްކަ މީހުން ދިރިއުޅޭ ލެސްޓާ ސިޓީއިން އެ އަހަރަށްފަހު، ޗެމްޕިއަންކަން ހޯދުމުގެ ފޮނި ހުވަފެން ދެކެމުން ދިޔަ އެވެ.

ޕްރިމިއާ ލީގުގައި ލަންޑަން އަދި މެންޗެސްޓާގެ މުއްސަނދި ކްލަބުތަކުން ރަސްކަންކުރާތާ މިހާރު 20 އަހަރު ވެއްޖެ އެވެ. ޕްރިމިއާ ލީގުގެ 1995 ވަނަ އަހަރުގެ ތަށި ބްލެކްބާން ރޯވާސްއިން އުފުލާލި ފަހުން ލީގު ޗެމްޕިއަންކަން މުޅިން ވެސް ހޯދާފައިވަނީ މެންޗެސްޓާ އަދި ލަންޑަނަށް ނިސްބަތްވާ ކްލަބުތަކެވެ.

ލެސްޓާ ސިޓީގެ ސަޕޯޓަރުން: ލެސްޓާއިން ވަނީ ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ: އޭޕީ

ލެސްޓާއިން މި ސީޒަނުގެ ޗެމްޕިއަންކަން ހޯދި އިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަން ޗެލްސީ އޮތީ 29 ޕޮއިންޓްގެ ފަރަގަކާއެކު ނުވަ ވަނައިގައެވެ. ލެސްޓާއަކީ މާބޮޑު ހަރަދެއް ކުރި ޓީމެއް ނޫނެވެ. ޕްރިމިއާ ލީގުު 20 ފަހަރު ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑުން ގާތްގަނޑަކަށް 330 މިލިއަން ޕައުންޑް ހަރަދުކުރި އިރު، އެ ޓީމު މިވަގުތު އޮތީ ފަސް ވަނައިގައެވެ.

ކާމިޔާބުގެ ކުރިން ސަލާމާތްވުން!

ފުރަތަމަ ކަމަކަށް މިދިޔަ ސީޒަނުގައި ލެސްޓާއިން މަސައްކަތްކުރީ ދިހަ އަހަރު ކުރި މަސައްކަތް އަލުން ބޭކާރު ވެދާނެތީ އެކަމުން ސަލާމަތްވުމަށެވެ. މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނަމަވެސް، ލެސްޓާއިން އެ ސީޒަން ނިންމާލި ރެލިގޭޝަނުން ސަލާމަތްވުމަށް ކުރި މަސައްކަތާއެކު އެވެ. އެ ސީޒަނުގައި ލެސްޓާ ސަލާމަތްވީ ލީގުގެ ފަހުކޮޅު ކުޅުންތެރިން ކުރި ބުރަ މަސައްކަތުންނެވެ.

އެ ސީޒަނަށްފަހު މި ސީޒަން ފެށި އިރު، އެނަލިސްޓުން، ރެލިގޭޓްވާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ލިސްޓުގައި ލެސްޓާ ސިޓީ ހިމެނި އެވެ. މެއި 2016 ވަނަ އަހަރު ރެލިގޭޓްވާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ގޮތުގައި ހިމެނުނީ ލެސްޓާ އެވެ. ނަމަވެސް ލެސްޓާއިން އެކަން އެގޮތަށް ވިޔަކަ ނުދިނެވެ.

ލެސްޓާގެ ކޯޗުކަމަށް ހީނުކުރެވުނު ކޯޗެއް!

މިދިޔަ ސީޒަނަށްފަހު ލެސްޓާއިން ހަމަޖެއްސީ ކާމިޔާބު ކޯޗެވެ. ލީގު ކާމިޔާބުކުރުމުގެ ހުވަފެން ދެކެމުންދިޔަ ލެސްޓާއިން އެ ކްލަބުގެ ކޯޗަކަށް ހަމަޖެއްސީ 2004 ވަނަ އަހަރު ޗެލްސީގެ ކޯޗުކަމުން ދުރުކުރި ފަހުން އިނގިރޭސި ކްލަބެއްގެ ކޯޗުކަމުން ފެނިފައިނުވާ ކްލައުޑިއޯ ރަނިއޭރީ އެވެ.

ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ: ލެސްޓާގެ ހީނުކުރެވުނު ކާމިޔާބުގެ ފަހަތުގައިވާ ކޯޗު --- ފޮޓޯ: އޭޕީ

ލެސްޓާގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވިއިރު، އޭރު އޭނާ ވެފައިވަނީ މާބޮޑު މަގުބޫލުކަމެއް ނެތް ކޯޗަކަށެވެ. ރަނިއޭރީއަށް ލެސްޓާއިން ޝައުގުވެރިކަން ފާޅުކުރީ ގްރީސްގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ކުރު މުއްދަތަށްފަހު އެ ޓީމުގެ ކޯޗުކަމުން ދުރުކުރުމާއެކު ވަޒީފާއެއް ނެތި ހުންނަތާ އަށް މަސް ދުވަސްވީ ފަހުންނެވެ.

އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އާއި އަލްޖީރިއާ މިޑްފީލްޑަރު ރިޔާދް މަހްރޭޒް ފަދަ ކުޅުންތެރިން މިއަދު ނަން މަޝްހޫރު ކުޅުންތެރިންނަށް ރަނިއޭރީ ހަދައިދިން އިރު، އޭނާ ވަނީ މުޅި ލެސްޓާ ފަހުރުވެރިވާ ފަދަ ކާމިޔާބެއް ހޯދައިދީފަ އެވެ. މިއަދު އެންމެން ވެސް މަރުހަބާ ކިޔަމުން އެދަނީ ރަނިއޭރީ އަދި ލެސްޓާ ސިޓީ ހޯދި ކާމިޔާބަށެވެ.