ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކަށް ލިބެން ނުޖެހޭ އިހްތިޔާރުތަކެއް ލިބިއްޖެ ކަމަށްވާ ނަމަ އެ ބޭފުޅަކު ވެރިކަމުގައި ހުރެގެން ހައްދަވާ ގޯސްތައް ގިނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫ ބިން ހިއްކައި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިދޭނެ ބާރުތައް ބަޔާންކޮށްފައި އޮންނަނީ އެކަމުގައި ހިކުމަތެއް އެކުލެވިގެންވާތީ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގައި އަސާސަކީ ކޮންމެ ކަމެއް ގާނޫނުގައި ނުވަތަ ރައްޔިތުން ގަބޫލުކުރާ އުސޫލެއްގެ މަތީން ކަޅާއި ހުދުން ލިޔެވިފައި އޮތުން ކަމަށެވެ.

"އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ވެސް ހިނގަންވީ މަގު ގާނޫނު އަސާސީން މިއަދު ލިޔެވިފައި އޮތީމަ ރައީސްކަން ކުރައްވާ ކޮންމެ މީހަކަށް ވެސް އޭނާ ހިނގާ މަގު ފަސޭހަ ވެގެން މިދަނީ. ގިނަ އިހުތިޔާރުތަކެއް ލިބުނީމާ ހެދޭ ގޯސް ގިނަވާނެ. ޑިމޮކްރަސީގައި އަސާސަކީ ކޮންމެ ކަމެއް ގާނޫނުގައި އެންމެން ގަބޫލުކުރާ ހަމައެއްގެ މަތީން ކަޅާއި ހުދުން ލިޔެވިފައި އޮތުން." ރައީސް ވިދާޅުވި އެވެ.

"ކަޅާއި ހުދުން ލިޔެވިފައި އޮންނަ އުސޫލު އެގޮތަށް ތަންފީޒު ކުރުން އެއީ ގާނޫނު އަސާސީގައި ހޯދައިދޭ ނޫނީއްޔާ ޑިމޮކްރަސީގެ ނިޒާމެއްގެ ތެރޭގައި ހޯދައިދޭ މިނިވަންކަން ކަށަވަރު ކޮށްދޭ ހަމައެކަނި ކަމަކީ ގާނޫނުގެ ބާރު އިންސާފުވެރި ކަމާއި އެކީގައި އަދި އަމުދުން ޖިނާއީ ގާނޫނުގެ ބާރު އިންސާފުވެރިކަމާއި އެކީގައި އެންމެންގެ މައްޗަށް ހަމަހަމައަށް ހިންގައިދޭ ވެރިން ގައުމެއްގައި ތިބުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ދ. މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕެއިނުގެ ތެރޭގައި ރައްޔިތުންގެ ކިބައިން ވައުދުވެވަޑައިގަތީ ގާނޫނުގެ ބާރު ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި ކޮށްދެއްވާނެ ކަމުގެ ޔަގީން ކަމަށެވެ. އެހެންކަމުން ގާނޫނުގެ ބާރު ހިންގުމުގައި މިއަދު ތަފާތު ކުރުމުގެ އިހްތިޔާރެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އެހެންވީމާ ގާނޫނުގެ ބާރަކީ ހުރިހާ އެންމެންގެ މައްޗަށް ޑިމޮކްރަސީގައި ހިންގަން ޖެހޭ ކަމެއް. އެހުންނަނީ ރައީސަށް އިހްތިޔާރު ލިބޭ ކަންކަމެއް ނޫން. އެއީ ހިންގަން ޖެހޭ ކަންކަން. އެހެންވީމަ ޑިމޮކްރަސީއެއް ފައްކާކުރަން ބޭނުންވާ ކަމަށްވަންޏާ ނޫނިއްޔާ ޑިމޮކްރަސީ މިހާރު އޮތް ހިސާބަށް ވުރެ ފައްކާ ކުރަން ބޭނުންވާ ކަމަށް ވަންޏާ، އިދިކޮޅުން އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން ކުރާ ކަންކަމާ ދޭތެރޭ ވަކާލަތު ކުރައްވާ ބޭފުޅުން ވެސް ދެބަސް ނުވެވޭނެ، އެއްބަސް ވާން ޖެހޭ އެއްކަމެއް އޮތިއްޔާ އެކަމަކީ ގާނޫނު އޭގެ އަސްލު މާނައިގައި ތަންފީޒު ކުރާށޭ. އެހެން ނޫނިއްޔާ މީހުންގެ ތެރޭގައި ހަމަޖެހުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.