ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެވަނަ ދައުވާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ދިފާއީ ހެކީންގެ ގޮތުގައި ފަސް މީހެއްގެ ނަން ހުށަހަޅުއްވައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހެކީންގެ ގޮތުގައި މަހުލޫފް ހުށަހަޅުއްވާފައި ވަނީ ގ. ހެޕީސައިޑު ހުސައިން އިލްހާމާއި އދ. ހަންޏާމީދޫ ކަނދުގަސްދޮށުގޭ އަހުމަދު އަންވަރާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމްގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި އާދަމް ޒަރީރެވެ.

އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

މަހުލޫފް ވިދާޅުވީ އެ ފަސް ހެކީން އޭނާ މިއަދު ހުށަހެޅުއްވީ ދައުވާގައި ބުނެފައިވާ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް އޭނާ ނުވަންނަކަން ސާބިތުކުރުމަށް ކަމަށެވެ.

މަހުލޫފްގެ މައްޗަށް އެ ދައުވާ ސާބިތުކުރަން ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ތިން ފުލުހެއްގެ ނަމެވެ.