އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މާދަމާ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު އެ މެޗުން ބޭނުންވަނީ ޕޮއިންޓެއް ކަމަށް ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ(ޝާޒް) ބުނެފިއެވެ.

ލީގްގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް އެއް މެޗު ކުޅެފައިވާ އިރު ބީޖީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ކުލަބު ވެލެންސިއާ އަތުން 0-3ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ.

"ބީޖީ ނިކުންނާނީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރަން. ނަމަވެސް ދެ ޓީމެއް މޮޅުވެގެން ނިމޭނެ މެޗެއް ދުވަހަކު ވެސް ނުކުޅެވޭނެ. ކޮންމެ މެޗަކަށް ވެސް ޓާގެޓެއް އޮންނާނެ. އެގޮތުން މާދަމާގެ މެޗުން ބޭނުންވަނީ އެއް ޕޮއިންޓް،" ޝާޒް ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި ލީގްގައި ކުޅޭ އެންމެ ވަރުގަދަ މޮޅު ޓީމަކީ މާޒިޔާ ކަމަށާއި އެހެން ކަމުން ކޮންމެ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ތައްޔާރު ވާނެ ކަމަށާއި އެގޮތުން ބީޖީ ވެސް އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ހުރިހާ ގޮތަކުން ބެލިޔަސް ލީގްގައި ކުޅޭ އެންމެ މޮޅު ޓީމް އެއީ މާޒިޔާ. އެއީ ކުޅުންތެރިންނާއި ކޯޗު އަދި މެނޭޖްމަންޓަށް ބެލިނަމަވެސް އެންމެ ވަރުގަދަ ޓީމަކަށް ވާނީ މާޒިޔާ،" ޝާޒް ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ބީޖީން މާދަމާ ނިކުންނައިރު ޝާޒް ބުނީ ކިތަންމެ ވަރުގަދަ ކޮށް މާޒިޔާ ފެނުނު ނަމަވެސް ނަތީޖާ އަކީ ކޮންމެ ފަދަ ގޮތަކަށް ވެސް ނިކުމެދާނެ އެއްޗެއް ކަމަށާއި އެކަން ބިނާވެފައި އޮންނާނީ މެޗުގައި ކުޅުންތެރިންކުރާ މަސަތްތަކަށް ކަމަށެވެ.

ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ބަލިކޮށްފައިވާއިރު ދެވަނަ މެޗުގައި ބީޖީއާ ދެކޮޅަށް ނިކުންނާނީ މާދަމާ ހަވީރު 4:00 ގައި ރަސްމީ ބޯޅަ ދަނޑުގައެވެ.