ޝަރީއަތަށް ނުފޮނުވާ ޑިސްޕިއުޓް މަރުހަލާގައި ހައްލުކުރެވުނު މައްސަލަތައް 40 ޕަސެންޓަށް އިތުރުކުރެވިފައިވާ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ޑިސްޕިއުޓް މަރުހަލާއަކީ ޝަރީއަތަށް މައްސަލަ ނުފޮނުވައި ދެ ފަރާތުން މަޝްވަރާކޮށް ދައުވާގައިވާ ކަންކަން ހައްލުކުރާ މަރުހަލާއެކެވެ. ޖުޑިޝަރީ އަހަރު 2016 އިފްތިތާހު ކުރުމަށް ރޭ ޕެރަޑައިސް އައިލެޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ޑިސްޕިއުޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 40 ޕަސެންޓް މައްސަލަ ޝަރީއަތް ނުކޮށް ނިންމިފައިވާ ކަމަށެވެ.

ޑިސްޕިއުޓް ރިސޮއުލަޝަނުން ހައްލުކުރެވޭ މައްސަލަތަކުގެ ނިސްބަތް މި އަހަރު އިތުރުކުރުމަކީ އަމާޒެއް ކަމަށް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

"ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރުގެ ފެބުރުއަރީ މަހު 15 އިން ފެށިގެން އަހަރު ނިމުމާ ހަމައަށް ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 40 ޕަސެންޓް މައްސަލަ ވަނީ ސުލްހަވެރި ހައްލަކާ ހަމައަށްދެވި ޝަރީއަތް ނުކޮށް ނިންމިފައި،" އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރުމަށް ނިންމާފައިވާ އެންމެފުޅާ "ވައިލްޑް އޭރިއާ ނެޓްވޯކް"ގެ ތެރެއިން 100 އަށްވުރެ ގިނަ ކޯޓުތައް އިންޓެގްރޭޓެޑް ކޮމިއުނިކޭޝަން ވިއުގައަކުން ގުޅާލެވިގެންދާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ވިއުގަ ރާއްޖޭގެ އެންމެ ބޮޑު އޮފީސް ވިއުގައަށް ވެގެންދާނެ ކަމަށެވެ.

ކޯޓުތަށް ކޮމިއުނިކޭޝަން ވިއުގައަކުން ގުޅާލުމުން ކޯޓުތަކުގެ މަސައްކަތަށް ބޮޑު ފަސޭހަކަމެއް ލިބިގަންދާނެކަން ފާހަގަކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ އޯޑިއޯ ވީޑިއޯ ކޮނަފަރެންސިންގެ ހިދުމަތާއި އިންޓްރާނެޓްގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރުގައި ކޯޓުތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މިހާރުފެށިފައިވާ މި މަޝްރޫއު އަވަސް ކުރިމަގެއްގައި ފުރިހަމަވެގެންދާއިރު. ދިވެހި ރާއްޖޭގެ 100 އަށް ވުރެ ގިނަ ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހުންނާނީ އިންޓެގްރޭޓެޑް ކޮމިއުނިކޭޝަން ވިއުގައަކުން ގުޅާލެވިފައި." އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ސަލާމަތީކަންކަން ވަރުގަދަކުރެވިފައިވާ ދުނިޔޭގެެ އެހެންގައުމުތަކުގައި ވެސް ބޭނުންކުރެވޭ ފަދަ އިލެކްޓްރޯނިކް ފައިލިންގް ނިޒާމެއް ޝަރުއީ ދާއިރާގައި ވަރަށް އަވަހަށް ގާއިމް ކުރެވޭނެ ކަމަށް އަބްދުﷲ ސައީދު ވަނީ ވިދާޅުފެ އެވެ. އޭގެ އިތުރުން ކޭސްމެނޭޖްމެންޓުގެ ދާއިރާގައި އައިޓީގެ ވަސީލަތަތަށް ފުޅާދާއިރާއެއްގައި ބޭނުންކުރެވެން ފަށާނެކަމަށް އުއްތަމަފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.