އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ބީޖީ ސްޕޯޓްސް އަތުން 0-1ގެ ނަތީޖާ އަކުން މާޒިޔާ މޮޅުވި ނަމަވެސް އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މިއަދު ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު އެ މެޗު މާޒިޔާ ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ކާމިޔާބު ކުރި ގޯލާ އެކު އެވެ.

"ޖުމްލަ ކޮށް މާޒިޔާ މި މެޗުން ކަނޑައެޅި ޓާގެޓް ހާސިލްވި ނަމަވެސް މި މެޗަކީ ވަރަށް ދަށް މެޗެއް. އެއީ ގިނަ ޗާންސްތަކެއް ލިބި ވަރަށް ފަސޭހަ ފުރުސަތުތެކެއް ގެއްލިގެން ދިޔައީ،" ސުޒޭން ބުންޏެވެ.

ލީގްގައި އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ މާޒިޔާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ނިކުތް ބީޖީ ސްޕޯޓްސް އިން ވަނީ މިއަދުގެ މެޗުގައި މާޒިޔާ ރަނގަޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފަ އެވެ.

"އެއް ގޯލުގެ ތަފާތުން ކުރީގައި އޮންނަ އިރު، ކޮންމެ ޓީމަކާ ކުޅުނު ނަމަވެސް ޕްރެޝަރަށް ދާނެ. މިއަދުގެ މެޗުން ވެސް ފެނިގެންދިޔައީ އެ ނަތީޖާއިން އަރައިނުގެނެވެ މެޗު ނިމުނު ތަން،" ސުޒޭން ބުންޏެވެ.

މާޒިޔާ އަށް ގެނައި ފުރާންސް ފޯވާޑް ދާއޫދުއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސުޒޭން ބުނީ މިއަދުގެ މެޗުގައި އޭނާ ފެނިގެން ނިދިޔަ ނަމަވެސް އޭއެފްސީ ކަޕަށް ފަހު ލީގްގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނިގެން ދާނެ ކަމަށެވެ.

"ގާތް ގަޑަކަށް އެއް އަހަރު އޭނައެ ވަނީ ވާދަވެރި މެޗެއް ނުކުޅޭތާ. މުޅިން ވެސް ޓްރެއިނިންތަކުގައި އެޅުނީ، އެހެންކަމުން މި ކަހަލަ ލީގަކަށް ސެޓްވެލަން ވަގުތު ބޭނުންވާނެ. އަދި އިތުރު ޓްރެއިނިންތަކެއް ވެސް ބޭނުންވާނެ،" ސުޒޭން ބުންޏެވެ.