ރޯމޭނިއާ ޓޮޕް ލީގަކަށް ކުޅެމުންދިޔަ ކެމަރޫންގެ ފުޓްބޯޅަ ކުޅުންތެރިއެއް މެޗު ކުޅެމުން ދަނިކޮށް ދަނޑު މައްޗަށް ވެއްޓި މަރުވެއްޖެ އެވެ.

ރޯމޭނިއާގެ ފުޓްބޯޅަ ކްލަބް، ޑިނާމޯ ބުކަރެސްޓަށާއި ކެމަރޫންގެ ގައުމީ ޓީމަށް ކުޅެމުންދިޔަ އުމުރުން 26 އަހަރުގެ ޕެޓްރިކް އޭކެންގް ދަނޑު މައްޗަށް ވެއްޓިފައިވާ ރޯމޭނިއާ ލީގުގައި އިއްޔެ ޑިނާމޯ އާއި ވީޓޯރުލް ކުޅެމުންދިޔަ މެޗުގެ 70 ވަނަ މިނެޓުގަ އެވެ.

ކެމަރޫންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުންދިޔަ އެ މެޗުގައި އޭކެންގް ދަނޑު މައްޗަށް ވެއްޓިފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ފުލޮރޭސްކާ އެމަޖެންސީ ހޮސްޕިޓަލުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، އޭނާ ސަލާމަތް ކުރުމަށް ޑޮކްޓަރުން އެތައް ގަޑިއިރުތަކެއް މަސައްކަތްކުރެއްވި އެވެ. އޭކެންގް މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ ދެ ގަޑިއިރު ފަހުންނެވެ.

އަތްބަކާއި އަންހެން ދަރިއަކު ހުރި އޭކެންގް ވަނީ ކެމަރޫންގެ ގައުމީ ޓީމަށް ދެ ފަހަރު ކުޅެދީފަ އެވެ. މީގެ އިތުރުން ސްޕެއިންގެ ކުލަބް، ކޯޑަބާ އަށާއި ސްވިޒަލޭންޑުގެ ކްލަބެއް ކަމަށްވާ ލައުސާން އާއި ފްރާންސްގެ ފުޓްބޯޅަ ކްލަބަކަށް ވެސް ކުޅެފަ އެވެ.