07 May 2016, 10:30
ލަންޑަން (މެއި 7) : ސޫރިޔާގެ ހަލަބްގައި ހިނގަމުންދާ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައިގެ ޙަމަލާތައް އިތުރު 72 ގަޑީއިރަށް މެދުކަނޑާލުމަށް އެ ހަނގުރާމައިގައި ޝާމިލްވާ ފަރާތްތަކުން އެއްބަސްވިކަން ރަޝިޔާއިން އިޢްލާންކޮށްފިއެވެ.
ސޫރިޔާގެ ރަސްމީ ނޫސްއެޖެންސީ ސާނާއިން ބުނީ ހަނގުރާމަ 72 ގަޑީއިރަށް މެދުކަނޑާލިކަން ރަސްމީގޮތުން އިޢްލާންކުރީ ރަޝިޔާގެ ދިފާއީ ވުޒާރާއިން ކަމުގައެވެ. ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލިކަން މިދިޔަ ބުދަދުވަހު ވެސް ވަނީ އިޢްލާންކޮށްފަ އެވެ. ނަމަވެސް ހުކުރުދުވަހުގެ މެންދުރާހަމައަށް އެ މުއްދަތުވަނީ ހަމަވެފަ އެވެ. 72 ގަޑީއިރަށް ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށީ އިއްޔެ މެންދުރުން ފެށިގެންކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއާ ހަވާލާދީ "ސާނާ" ބުނެއެވެ. ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގާ ޝާމިލްވަނީ ސޫރިޔާގެ ސިފައިންގެ ލަޝްކަރުތަކާއި އެގައުމުގެ އިދިކޮޅު ޖަމާއަތްތަކުންނެވެ.
ސޫރިޔާ ސިފައިންގެ ލަޝްކަރުތަކަށް އެހީތެރިވުމުގެ ގޮތުން ޙަލަބްގައިވާ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް ރަޝިޔާ ސިފައިންވެސް ޙަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަލަބްގައި އިސްވެ ހަނގުރާމަކުރަނީ ސޫރިޔާ ސިފައިންނެވެ. މިހަނގުރާމައިގެ ބޭނުމަކީ ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީއާއި އެމެރިކާއާއި ޔޫރަޕްގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައިވާ ހަލަބްގެ ސަރަހައްދުތައް މިނިވަންކޮށް އިދިކޮޅު ޖަމާއަތްތައް އެސިޓީން މުޅިން ބޭރުކޮށްލުންކަމަށް ސޫރިޔާ ސަރުކާރުން ވަނީ ބުނެފައެވެ. ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެރަށުގެ އާންމުންގެ އެތަށްބަޔަކު ކޮންމެ ދުވަހަކު މަރުވެ ޒަޚަމްވަމުންދެއެވެ.
އަދި ސޫރިޔާގެ ވައިގެ ސިފައިންގެ ޙަމަލާތައް ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށް އަމާޒުކުރަމުން ގެންދާއިރު ސޫރިޔާ ސަރުކާރުންވަނީ އެތަންތަނުގައި ތިބެގެން ހަނގުރާމައިގެ ޙަމަލާތައް ދޭކަމުގެ ތުހުމަތު އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކޮށްފައެވެ. ހަލަބްގެ ހަނގުރާމައިގެ ސަބަބުން އެސިޓީގެ ގެ ބޮޑުބައި ހަލާކުވެ ރައްޔިތުން ބިކަވެ އެމީހުންގެ ހާލަތުވަނީ އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.
ސޫރިޔާގައި މީގެ 5 އަހަރުކުރިން ދާޚިލީ ހަނގުރާމަ ފެށުނީ ބާރުގެ ބޭނުންކޮށްގެން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށްޓަކައި ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީއާއި އެމެރިކާއާއި ޔޫރަޕްގެ އެހީއާއެކު އެގައުމުގެ އިދިކޮޅު ފަރާތްތައް ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށުމާގުޅިގެންނެވެ. ބައެއް އަރަބި ގައުމުތަކާއި ތުރުކީއާއި ހުޅަނގުގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާ ދެކޮޅަށް ބައްޝާރުގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީތެރިވަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. މި ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވަނީ ކުށެއްނެތް ސޫރިޔާގެ އާންމު ރައްޔިތުންނެވެ. (ރޮއިޓާސް)