07 May 2016, 17:22
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިސް މާހިރުން ހިމެނޭ ގޮތަށް ސިންގަޕޫރުގައި އުފައްދާފައިވާ "ރޯޔަލް އިންސްޓިޓިއުޝަން"ގެ ޑޮކްޓަރ ފެލޯގެ މަގާމު، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަށް ލިބިވަޑައިގެންފި އެވެ.
ރޯޔަލް އިންސްޓިޓިއުޝަންގެ ހަތްވަނަ ގްލޯބަލް ކޮންގްރެސް މިއަދު މާލޭގެ ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ އިރު، މި ކޮންގްރެސްގެ ދެވަނަ ދަންފަޅީގައި މިއަދު ވަނީ، ރާއްޖޭގެ ފަރާތުން ރޯޔަލް އިންސްޓިޓިއުޝަނުގެ ފެލޯއިންނާއި މެމްބަރުންގެ ގޮތުގައި ވުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެމަގާމު އަރުވައިފަ އެވެ.
އަހްމަދު ސިޔާމް މުހައްމަދަށް ރޯޔަލް އިންސްޓިޓިއުޝަނުގެ ޑޮކްޓަރ ފެލޯގެ ޝަރަފު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ
މި ކޮންގްރެސްގައި، ސަން މީޑިއާ ގްރޫޕާއި ސަން ސިޔާމް ރިސޯޓްސްގެ ޗެއާމަން، އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަށް ރޯޔަލް އިންސްޓިޓިއުޝަންގެ ޑޮކްޓަރޭޓް ފެލޯގެ މަގާމު ލިބިވަޑައިގެންނެވި އިރު، އޭނާ އަށް ރަސްމީކޮށް މުޚާތަބު ކުރުމުގައި "ޑރ" (ޑޮކްޓަރ) މި ލަގަބު ބޭނުން ކުރެވޭނެ އެވެ.
އަހްމަދު ސިޔާމް މުހައްމަދާ ރޯޔަލް އިންސްޓިޓިއުޝަންގެ އޮނަރަރީ ފެލޯގެ ޝަރަފު ލިބިވަޑައިގަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ
ސިޔާމަށް އެ އިންސްޓިޓިއުޝަންގެ ޑޮކްޓަރު ފެލޯގެ މަގާމު މިއަދު ލިބިވަޑައިގެންފައިވާ އިރު، އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާއަށް ވަނީ ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަން ފޯރ ޕަބްލިކް އެޑްމިނިސްޓްރޭޓާސްގެ އޮނަރަރީ ޕްރެޒިޑެންޓްގެ މަގާމު އަރުއްވައިފަ އެވެ.
މިދިޔަ އަހަރު ބޭއްވި ހަވަނަ ގްލޯބަލް ކޮންގްރެސްގައި، ރަފިއްޔާއަށް ވަނީ ރޯޔަލް އިންސްޓިޓިއުޝަން ފޯ ޕަބްލިކް އެޑްމިނިސްޓްރޭޓާސްގެ ފެލޯޝިޕް ލިބި، ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯކަން ލިބުނު ފުރަތަމަ ދިވެއްސެއްގެ ޝަރަފު ލިބިފައެވެ.