08 May 2016, 14:35
ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީން ހޯދުމުން އެކަމާ ހިތާމަކުރާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ކުރީކޮޅު އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ޖެނުއަރީގައި އެ ޓީމުން ޕޮއިންޓްތަކެއް ގެއްލުވާލުމުން ލީގަށް ވާދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި ލެސްޓާއިން ހޯދި ނަމަވެސް، އަންނަ ސީޒަނުގައި އާސެނަލްގެ ކުޅުންތެރިން މި ސީޒަނަށްވުރެ ވަރުގަދަ ކުޅުމެއް ދެއްކުމަށް ވެންގާ ވަނީ ގޮވާލައިފަ އެވެ.
"ލެސްޓާއިން ލީގު ކާމިޔާބުކުރުމުން އެކަމާ ހިތާމަކުރަން. އެކަމަކު މިފަހަރު އެހެން ޓީމުތަކަށްވުރެ، ލެސްޓާގެ ކުޅުން ރަނގަޅު. އަހަރެމެންނަށް ކުދި ޓީމުތައް އަތުން ޕޮއިންޓުތަކެއް ގެއްލުވާލެވުނު. އެއީ ކީތްވެ ކަމެއް ނޭނގޭ. އަންނަ ސީޒަނުގައި އަހަރެމެން އެބަޖެހޭ މިހާރަށްވުރެ ވަރުގަދަ ކުޅުމެއް ދައްކަން،" އޭނާ ބުންޏެވެ.
ވެންގާ ބުނީ، އަމިއްލަ ދަނޑުގައި ވެސް އާސެނަލްއަށް ގިނަ ޕޮއިންޓުތަކެއް ގެއްލުވާލެވުނު ކަމަށާއި މެޗުތަކުގައި ގިނަ އަދަދެއްގެ ލަނޑުތަކެއް އެ ޓީމަށް ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ.
"އަހަރެމެންގެ ރަނގަޅު ޑިފެންސިވް ރެކޯޑެއް އެބައޮތް. އެކަމަކު އަހަރެމެން ކޮޅަށް ލަނޑު ވަންނަ މެޗެއްނަމަ، ގިނަ ލަނޑުތަކެއް ވަދޭ. ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް އަދި ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެން ކޮޅަށް ތިން ލަނޑު ވަދެފައިވޭ،" އޭނާ ބުންޏެވެ.
ވެންގާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އާސެނަލް މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ، އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެކަން ކަށަވަރުވާނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8:00 ގަ އެވެ.